Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑު މަގުގެ ނަން ބަދަލުކުރަނީ!

ފޭދޫ ބޮޑު މަގު: ފޮޓޯ/ އައްޑޫ ލައިވް

ސްރީލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދި މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ ބޮޑު މަގުގެ ނަން ބަދަލު ކުރުމަށް ކައުންސިލުން ވިސްނަމުން އަންނަކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމްގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ މި މަގަކީ ގުޅިފައިއޮތް އެއްމަގެއް ކަމަށެވެ. ނަމަވެސް މިހާރު ބޯދު މަގަށް ކޮންމެ ރަށަކުން ކިޔަނީ ވަކި ނަމެއްކަމަށެވެ. އެހެންވެ ގުޅިފައިވާ މި މަގަށް އެއް ނަމަކުން މުހާޠަބް ކުރުން ރަނގަޅުކަށް ޓޮމް ބުނެފައިވެއެވެ.

ޓޮމް ބުނީ މިމަގަކީ ލަންކާ ސަރުކާރުގެ ދީލަތި އެހީއާއެކު ހަދާފައިވާ މަގަށްވުމުގެ އިތުރުން އައްޑޫ ސިޓީ އަކީ އެއްރަށެއްކަމަށް ގަބޫލް ކުރާ ކަމަށާއި އެ ސަބަބާއި ހެދި މަގަށް "ސަރަންދީބް" މަގު ކިއުމަށް ގަސްތު ކުރާކަމަށެވެ.

ޓޮމްގެ ސްޓޭޓަސްއަށް ކޮމެންޓް ކުރި ބައެއް ފަރާތަކުން މަގުގެ ނަން ބަދަލު ކުރުމަށް މާބޮޑު ތާއިދެއް ނުކުރެއެވެ. އެގޮތުން މަގުގެ ނަން ބަދަލު ކޮށްފިނަމަ ރަސްމީ ބައެއް ލިޔެކިއުންތައް ބަދަލު ކުރަންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަނގަކޮށްފައެވެ. އަދި އަނެއް ބަޔަކު ވަނީ ކައުންސިލަކީ ހަމއެކަނި ނަން ބޯޑު ބަދަލު ކުރާ ކައުންސިލެއް ކަމަށް ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ބޮޑު މަގުގެ ނަން "ޢާޒީ މަގު" ން "އެޅެދީދީ މަގު" ނަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި އައްޑޫ ސިޓީގައި އޮންނާނީ 4 އަވަށް ކަމަށް ކަނޑައެޅުމަށް ފަހު އަނެއްކާވެސް 6 ރަށް ވަނީ ބަދަލުކޮށްފައެވެ.