Last Updated: June 30, 10:48
Tuesday, June 30, 2026
ސިޔާސީ

ނިޒާރު ދެކުނު ދާއިރާ މަޖިލީސް ގޮޑިއަށް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ ގޮޑިއަށް ހިތަދޫ، އެމްޓޭޝަންގެ، އަލީ ނިޒާރު ކުރިމަތިލާން ނިންމައިފިއެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ނިޒާރު އަކީ 14 އަހަރު ވަންދެން ކަސްޓަމްސްގައި މަސައްކަތް ކުރި ޒުވާނެކެވެ. ކަސްޓަމްސްއިން ނިޒާރު އަމިއްލައަށް އިސްތިއުފާދިން އިރު ހުރީ ސީނިއާ ކަސްޓަމްސް އޮފިސަރަކަށެވެ.

ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހު އަމިއްލަ ވިޔަފާރީގައި ކުރިއަރަމުން އަންނަ ނިޒާރު އަކީ ހިތަދޫ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ.

އެގޮތުން ނިޒާރު އަކީ ނަޝީދުގެ ސަރުކާރު ވެރިކަން ވެއްޓުމަށް ފަހު އައްޑޫގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލި ހަރުގެ ކޮމެޓީގެ ޗެއާމަންއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހަށްފަހު އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން ފުލުހުން ހައްޔަރުކޮށް، ބައެއް މީހުން "ފިލާފައި" ތިއްބާ ޕާޓީ މީހުން އެއްކޮށް އެމްޑީޕީ ނަގާ ކޮޅަށް ޖެހުމަށް އެންމެ އިސް އެއް މަސައްކަތެއް ކުރި މީހަކީ ނިޒާރުއެވެ. ނިޒާރު ވަނީ ޕާޓީ ހަރުދަނާ ކުރުމުގައި އެހެން މެމްބަރުންނަށް ހަރުދަނާ ކަމާއި ސާބިތުކަން ދައްކާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނިޒާރު އާއި އެއްކޮށް ވާދަކުރާނެކަމަށް މިހާތަނަށް ހާމަ ކޮށްފައިވަނީ ކުރިން އެމްޑީޕީގައި އުޅުމަށްފަހު ޔާމީން އަބްދުލް ގައްޔޫމް (މިހާރުގެ ރައިސް) އުފެއްދި ޕީޕަލް އެލަޔެންސް "ޕީއޭ" އާއި ގުޅުމަށްފަހު ފަހުން އަނެއްކާވެސް އެމްޑީޕީގެ ކަންކަމުގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވި ހިތަދޫ، ދޮނަޅަމާގެ، އަހުމަދު ހަބީބު އާއި ހިތަދޫ ނައިލޯންގޭ އަހުމަދު ނިޒާމްއެވެ.