Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

މަރުވި އަންހެން ކުއްޖާގެ އާއިލާއަށް ސެލިންކޯއިން އިންޝޫރެންސް ފައިސާދީފި

ޒީޝާންގެ ގައިަގއި ޖެހުނު ކާރު

ހުސްވި ނޮވެމްވަރު މަހުގެ 12 ވަނަދުވަހުގެ ރޭ އިރާކޮޅު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ދިމާލުން ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި މަރުވި ހިތަދޫ ސަނީ ރޯޒް، އާމިނަތު ޒީޝާންގެ މަރުގެ ދިޔައަށްވާ 60،000 ރުފިޔާ ސިލިންކޯ އިންޝޫރެންސްއިން އޭނާގެ ބައްޕަ އާއި ހަވާލުކޮށްފިއެވެ.

ސެލިންކޯގެ އިސް އޮފިޝަލަކު ބުނީ ތާޑް ޕާޓީ އިންޝޫރެންސްގެ ދަށުން ދޭން ޖެހޭ 60،000 ރުފިޔާ ޒީޝާންގެ ބައްޕަ އިބްރާހިމް ސައީދު އާއި ހަވާލުކޮށްފައިވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ މީ މިހާތަނަށް ތާޑް ޕާޓީ އިންޝުރެންސް ތައާރަފްކުރި ފަހުން އައްޑޫގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ތިންވަނަ ފަރާތަށް އިންޝޫރެންސަކުން ފައިސާ ދިން މީ ފުރަތަމަ ފަހަރު ކަމަށެވެ.

ނޮވެމްވަރު 12 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ކާރުން ޒީޝާންގެ ގައިގައި ޖެހި އޭނާވަނީ ވިއްސަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައެވެ، އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. މި ހާދިސާގައި ޒީޝާންގެ ގައިގައި ޖެހިފައިވަނީ BB1A P6732 ނަންބަރު ކާރެވެ.

ތާޑް ޕާޓީ އިންޝޫރެންސް ޕޮލިސީ އަކީ އެކްސިޑެންޓެއް ހިނގައި އެކަމުގައި ޝާމިލްވާ ދެވަނަ ނުވަތަ ތިން ވަނަ ފަރާތައް ލިބޭ ގެއްލުން ކަވާ ކުރާ އިންޝޫރެންސްއެކެވެ.