Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު އަދާލަތު ޕާޓީ

ދެންވެސް ވެރިކަން އުފެދޭނީ ކޯލިޝަނެއްގެ ތެރެއިން: އިމްރާން

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ވެރިކަން އުފެދިގެންދާނީ ކޯލިޝަނުގެ ތެރެއިން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރޭ ބޭއްވި އިވެންޓެއްގައި އިމްރާން ވިދާޅުވީ ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވެރިކަން އުފެދިގެން ދާނީ ކޯލިޝަނުގެ ތެރެއިން ކަމަށާއި އެގޮތުން ފާއިތުވި ތިން ރިޔާސީ އިންތިހާބުގައި ވެސް ވެރިކަންތައް އުފެދިފައިވަނީ ކޯލިޝަންތަކާއެކުގައި ކަމަށެވެ.

އަދި ސިޔާސީ މަސައްކަތް ހަރުދަނާ ކުރުމަށް ކޯލިޝަނެއްގެ ތެރޭގައި އެކި ހިޔާލުތަކުގެ މަތީގައި ތިބި ޕާޓީތައް އެކުގައި މަސައްކަތް ކުރާނެ މާހައުލެއް ގާއިމުކުރެވި، އެއްކޮށް މަސައްކަތް ކުރެވި، އެއްކޮށް އުޅޭނެ ހުނަރުވެރިކަމާއި ވިސްނުން ހުރި ބަޔަކު ލީޑުކުރާ ސިޔާސީ މަސައްކަތެއް ފުރިހަމަ ކުރަންޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޯލިޝަނަކާ އެކީގައި މަސައްކަތް ކުރާއިރު ދޭންޖެހޭ ދޫތައްދީ، ހިފަހައްޓަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެގޮތުގެ މަތިން ދޭން ޖެހޭ އެއްބާރުލުން ދީގެން ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތްކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތް ކޮށްގެން ނޫނީ ރާއްޖެ އަށް ފާގަތި މުސްތަގުބަލެއް ނެތް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އެކަމަށްޓަކާ ތަފާތު ޕާޓީތައް އެކުގައި މަސައްކަތް ކުރާއިރުގައި ކޮންމެ ބަޔަކު ވެސް އެ ބައެއްގެ މައިގަނޑު އަސާސްތަކަށް ވިސްނައިގެން، އެހެން ފަރާތްތަކާ އެކީގައި މަސައްކަތް ކުރުމުގެ ރޫހެއް ދިރުވައިގެން އެކުގައި އުޅުމުގެ ގޮތްތައް އާލާކޮށްގެން ހުރިހާ ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯދައިދިނުމަކީ، އެއީ ރާއްޖޭގެ ރައްޔިތުންނަށްޓަކާ ސިޔާސީ ލީޑަރުން ކުރަންވީ ކަމަކީ" ނަޝީދު ވިދާޅުވިއެވެ.

އަދި މިގޮތަށް މަސައްކަތް ބައްޓަން ނުކުރެވިއްޖެނަމަ ރައްޔިތުންނަށް ކުރިއެރުމެއް ނެތް ކަމަށާއި، އަދި މިނިވަންކަމާއި އިސްތިގުލާލެއް ވެސް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.