Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

1-0 އިން ޕެރޫ ބަލިކުރުމަށްފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

ބްރެޒިލްގައި ކުރިއަށްދާ މި މުބާރާތުގައި ރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ.

މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ބްރެޒިލް އިން ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގެލީސީ އެވެ. އެގޮތުން އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ހަތް ސޭވް ކޮށްފައެވެ.

ޕެރޫ އަށް ރޭގެ މެޗުގައި ބްރެޒިލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ ކަމަށްވާއިރު، ދެވަނަ ހާފްގައި ޕެރޫގެ ފޯވާޑް ކަލެންސް ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރުން ފިޔަވައި ބްރެޒިލްގެ ކީޕަރު އެޑަސަން އަށް މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެފައެވެ.

ބްރެޒިލް އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ އާޖެންޓީނާ އާއި ކޮލަމްބިޔާ މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.