ޖުމްހޫރީ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން އެހެން ޕާޓީއެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވާ ކަމެއްއޮތްކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުނުވެ ހުންނަވަނިކޮށް މުޅި ޕާޓީ އެމަނިކުފާނުގެ އަތްދަށުން ހިނގައިދާނެކަމަށެވެ.
ހަލީމް ތުހުމަތު ކުރެއްވި ގޮތުގައި އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރައްވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
"އެޕާޓީގެ އޮފީހުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް. އޭގެ ތެރޭގައި އަޅުގަނޑަށް އެބަ ފެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުރި ތިމަރަފުށީ ދާއިރާގެ މެމްބަރު އެ މަސައްކަތުގައި އުޅުއްވާތީ. އެ މަސައްކަތް އެގޮތަށް ކުރުން ހުއްޓާލުމަށް ގޮވާލަން" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ޖޭޕީއަކީ ޑިމޮކްރަސީއަށްވެސް މުހިިންމު މަސައްކަތެއް ކުރި ޕާޓިއެއްކަމަށާއި، އެހެންކަމުން ޕާޓީ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޤާސިމް މަޖިލީހަށް ވަޑައިގަންނަވަންޖެހޭކަމަށް ވިދާޅުވިއެވެ.