Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ނަފްރަތުގެ ބިލު ފާސްނުކުރުމަށް އެދި ރައީސަށް ސިޓީއެއް

އިލްމުވެރިންތަކެއް -- ފޮޓޯ / މިހާރު

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް އެމްޑީޕީގެ މެމްބަރުންނަސް އިލްތިމާސް ކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްމުވެރިންގެ ގުޅުމުން ސިޓީއެއް ފޮނުވައިފިއެވެ.

އިލްމުވެރިންގެ ގުޅުމުން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބިލު ހުށަހެޅިއިރުވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިކަން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުންރައީސަށް ދަންނަވައި، އެބިލު އަނބުރާ ނަންގަވައިދެއްވުމަށް އެދި ދަންނަވާފައިވާނެ ކަމަށެވެ.

ބިލުގައި ކަންބޮޑުވާ ގިނަ ކަންކަން ހުރިކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، ބިލުގެ ސަބަބުން އިސްލާމީ މުހިންމު ޝިޢާރުތަކަށް ހުރަސްއެޅުމުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނާ ދެކޮޅު ފިކުރު ފަތުރަން މަސައްކަތްކުރާ ފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ބިލު މިހާރު އެ އޮތް ގޮތަށް ފާސް ކުރަންނުފެންނަކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ދަންނަވައި ބާރުއަޅުއްވައި ދެއްވުމަށް އެދޭކަމަށް ސިޓީގައި ބުނެފައިވެއެވެ.