Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ފްލެޓް ލިބުނު ފަރާތްތަކަށް ބީއެމްއެލުން ހޯމް އިންޕްރޫމަންޓް ލޯނު އަދި ފައިނޭންސިންގ ތައާރަފްކޮށްފި

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަތަކަށް ފަސޭހަކާމާއެކު ފައިނޭނިންސިންގ ފޯރުކޮށްދިނުމަށް އައު ލޯނަކާއި ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލއިން ބުނެފައިވަނީ އަލަށް ތައާރަފް ކުރެވުނު ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. މި ލޯނަކީ ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12 ގައި ދޫކުރާ ލޯނެއްކަމަށާއި، މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.

"މި ބަލިމަޑު ކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަދު ތައާރަފްކުރެވޭ ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ޚަބަރެއް. ޝަރުތު ހަމަވާ ފަރާތަކަށް އިތުރު ރަހުނަކާ ނުލާ އަމިއްލަ އަށް އިތުރު ހަރަދެއް ކުރަންނުޖެހި ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަަތްތައް ނިންމާލުމަށް 150،000 އާ ހަމަަޔަށް ލޯނު ދޫކުރެވޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ." ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފައެެވެ.

މި ލޯނަކީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިންގ ޕްރޮޑަކްޓެއްވަނީ ތައާރަފްކުރެވިއިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.