Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

މާރިޔާއަށް އެމްޑީޕީގެ އިތުބާރެއް ނެތް: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އެކަމަނާ ނިސްބަތްވާ އެމްޑީޕީގެ ތާއީދު ނެތްކަން ހާމަވާކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދިވެހި ކޮންމެ ރައްޔިތަކަށް އަމާޒުވެގެންދިޔަ ހަމަލާއެއް ކަމަށެވެ.

ސައީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާއަށް އެކަމާ ގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރިކަމަށް މަޖިލީހުގެ މެމްބަރަކު ވިދާޅުވާކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި މިހާރު ކަންކަން ހިނގާދާގޮތުން މާރިޔާއަށް އެމްޑީޕީގެ ތާއީދު ނެތްކަން އެނގޭކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ދެން އެމްޑީޕީ ތެރޭން މިއަދު އޮއެވަރު އޮތް ގޮތުން އަޅުގަނޑުމެންނަށް އެނގޭ އެބަ އެކަމަނާއާ ދޭތެރޭގައި އެމްޑީޕީގެ އިތުބާރެއްވެސް ނެތް." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ފުލުހުންގެ އިސްކޮށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ބަޣާވާތް ކޮށްގެން ހުރި ފަރާތެއްކަމަށް އެމްޑީޕީން ފާހަގަކުރާކަމަށެވެ. އަދި ރައިސް ނަޝީދަށް ދިން ހަމަލާއަކީ އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް އިމްރާން ވާހަކަ ދައްކަވާފައިވާކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.