ބައިބައިވުން އުފެދޭފަދަ ކަންކަން ކުރުން މަނާކޮށް ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވައިދު އެކުލަވާލައިފިއެވެ.
ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވައިދު އެކުލަވާލާ އާންމުކޮށްފައިވާއިރު އެ ގަވައިދުގައި ބުނެފައިވަނީ، އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާ މެދު ރަޙުމުކުޑަ ނުވަތަ ލާއިންސާނީ ނުވަތަ އިހާނެތިގޮތަކަށް ޢަަމަލުނުކުރުމާއި، އެހެން މީހަކު ލައްވާވެސް، އެފަދަގޮތަކަށް އަމަލުނުކުރުވުމާއި، އެހެން މީހަކު އެފަދަ ގޮތަކަށް ޢަމަލުކުރާނަމަ، އެކަން ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭނެކަމަށެވެ.
މީގެ އިތުރުން ފުލުހުން މުޖުތަމަޢުގެ ފަރުދުންނާ މުއާމަލާތުކުރުމުގައި އިޖުތިމާޢީ ހަމަތަކާއި އަޚުލާޤީ ހަމަތަކުގެ މަތީން، ރީތިބަހުން ވާހަކަދައްކައިި އޯގާތެރިކަމާއި އިޙްތިރާމާއެކު މުޢާމަލާތުކުރަންޖެހޭނެކަމަށެވެ.
ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވައިދުގައިވާ ފާހަގަކުރެވޭ އިތުރު ކަންކަމުގެ ތެރޭގައި، އެއްވެސް މީހަކާމެދު، ގޯނާކުރުމާއި ފުރައްސާރަކުރުމުގެ އެއްވެސް ޢަމަލެއް ނުކުރުމާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމައި، އެފަދަ ކަންކަން ހުއްޓުވުމަށް ހެދިފައިވާ އެންމެހައި ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ. އަދި ސިޔާސީ އެއްވެސް ފިކުރަކަށް ތާއީދުނުކުރުމާއި، ތާއީދުކުރާކަން ނުވަތަ ތާއީދު ނުކުރާކަން ދޭހަވާފަދަ އެއްވެސް ކަމެއް، ބަހާއި ޢަމަލުން ނުދެއްކުމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ރައްޔިތުންގެމެދުގައި ބައިބައިވުން އުފެދޭފަދަ ތަފާތު އެކި ކަންކަމަށް ތާއީދު ނުކުރުމާއި، ތާއީދުކުރާކަން ނުވަތަ ތާއީދުނުކުރާކަން ދޭހަވާފަދަ ކަމެއް، ބަހާއި ޢަމަލުން ނުދެއްކުމަށްވެސް ސުލޫކީ މިންގަނޑުގެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.