ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް ފުލުހުންގެ މުވައްސަސާގެ ފަރާތުން އާއްމުކުރި މަގު ޗާޓްގައި ހިމެނި އައްޑޫ ލިންކު ރޯޑުގައި ހަރުކުރާ ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ހާއްސަ ޓީމަކުން ލިންކް ރޯޑުގެ މައިގަނޑު 5 ސަރަހައްދެއްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ޝިފާން ވިދާޅުވީ ވަރަށް ބޮޑަށް ބެލުމަށްފަހު ކެމެރާ ހަރުކުރަންޖެހޭ ސަރަހައްދުތައް ފާހަނގަކޮށް ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭ ކެމެރާ ހަރުކޮށް ނިންމާލެވޭނެކަމަށެވެ.
"އަޅުގަނޑުމެން މިހާރު އައިޑެންޓިފައި ކޮށްފިން ފުރަތަމަ ކެމެރާ ހަރުކުރަންޖެހޭ ލޮކެޝަންތައް. އިރާދަކުރައްވިއްޔާ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ކެމެރާތައް ހަރުކުރެވޭނެ"
އެގޮތުން ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ އާއި ހަންކެޑެ ބްރިޖް ސަރަހައްދުގެ އިތުރުން ކުނިކޮށި ހިސާބުގައި ކެމެރާ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޝިފާން ވިދާޅުވީ އެކަހެރި ސަރަހައްދުގައި ކެމެރާ ހަރުކުރާއިރު ވަރަށް ބޮޑަށް ވިސްނާނެކަމަށެވެ.
އައްޑޫ ލިންކް ރޯޑަކީ ގިނަ އެކްސިޑެންޓްތައް ހިނގާ މަގަކަށްވެފައި މަގުގައި ކެމެރާ ހަރުކުރުމުގެ ސަބަބުން ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަށް ހޯދައި ގަތުމުގައި ފުލުހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.