ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާނެކަމާއި، ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަންކަމަށް ރައްދު ދެއްވައެވެ.
އެގޮތުން ޖަމީލް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ރައްޔިތުން ކަނޑައަޅާފައިވާކަމަށާއި، އެފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާކަމަށެވެ.
ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ ކަމަށާއި، ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ޖަމީލްގެ ޓްވީޓްގައިވެއެވެ.
ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި. އެފަހަރު ރައްޔިތުން ރައީސް @MohamedNasheed އަށް ބުނީ ނޫނެކޭ. ޕާޓީ އެކްޓިވިސްޓުން ޗާޖުކުރަން ދައްކަންވެސް ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ. އިންޝާالله، ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ. pic.twitter.com/C2ZmAEEYDF
— Mohamed Jameel Ahmed (@MJameelAhmed) July 6, 2021
ރައީސް ނަޝީދު ރޭ ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބެއް 2023 ގައި އޮންނާނެ ކަމަށް ދެކެވަޑައިނުގަންނާ ކަމަށާއި އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.