އެމްޑީޕީ ޓިކެޓް ލިބިގެން ވިޔަސް މުނާފިގަކަށް ވޯޓު ނުދިނުމަށް ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ދީދީ (އިބްރޭ) އެދިއްޖެއެވެ.
އިބްރޭ ބުނީ ޕާޓީގެ ޕްރައިމަރީ ކާމިޔާބް ކުރިއަސް މިފަހަރު މުނާފިގަކަށް ރައްޔިތުން ވޯޓުލައިގެން ނުވާނެކަމަށެވެ. އަދި ރައްޔިތުން ވޯޓު ދޭން ޖެހޭނީ ޕާޓީ އަށާއި ރައްޔިތުންނަށް ތެދުވެރި މީހަކަށް ކަމަށެވެ.
ކައުންސިލް އިންތިހާބްގައި ވަދަކޮށް ފެއިލްވި އިބްރޭ މަޖިލިސް އިންތިހާބްގައި ވާދަ ކުރާ އިލްޔާސް ލަބީބަށް ތާއިދު ނުކުރާނެކަމަށްވަނީ ބުނެފައެވެ. އިބްރޭ ބުނީ އޭނާ ފެއިލް ކުރީ އިލްޔާސް ލަބީބްގެ ޓީމުން އޭނާއާއި ބެހޭ ގޮތުން ދޮގު މައުލޫމާތުދީ އެންޓި ކެމްޕެއިން ކޮށްގެންކަމަށެވެ.
އެހެންވެ އިބްރޭ "މުނާފިގެއް"ގެ ގޮތުގައި ތުހުމަތު ކޮށްފައިވަނީ އިލްޔާސް ލަބީބްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އިލްޔާސް ލަބީބް އާއި އޭނާގެ ބޭބެ އަހުމަދު ޒަރީރު ވަނީ ސާކް ސަމިޓު ދުވަސްވަރު އަޑިނޭގޭ އެތައް ޑީލެއް ހަދާފައެވެ. އިލްޔާސްގެ ބޭބެ އަހުމަދު ޒަރީރު ޗެއާމަނަކަށް ހުރި ސަދަން ޔޫޓިލިޓީ ކުންފުނިން ބޮޑެތި މަކަރާއި އޮޅުވާލުންތައް ހަދާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ރިޕޯޓްގައި ބުނެފައިވެއެވެ.
އެގޮތުން ސާކް ސަމިޓް ދުވަސްވަރު ހުޅުމީދޫ ބޮޑުމަގުގައި ގާ އެތުރުން ކުރިއަށް ގެންގޮސްފައިވަނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ވަކި ބަޔަކަށް ނަފާ ހޯދައި ދިނުމަށެވެ.
އިބްރޭ ވަނީ މިފަދަ އެތައް ކަމަކަާއި ގުޅިގެން އިލްޔާސް ލަބީބްއަށް ބޮޑެތި ފާޑު ކިއުންތައް ކިޔާފައެވެ.