Last Updated: May 8, 09:44
Wednesday, May 8, 2024
ކުޅިވަރު

ޔޫރޯ 2020: ފައިނަލް މެޗު ބަލަން އައުމުގެ ދައުވަތު އެރިކްސަނަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލަން އައުމަށް ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ޔޫއެފާ އިން ދައުވަތު ދީފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް އެރިކްސަން ވެއްޓުނުއިރު، އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ ދަނޑުމަތީގައި މެޑިކަލް ޓީމުން ދިން އަވަސް ފަރުވާގެ ސަބަބުންނެވެ. އެ ހާދިސާއާ ގުޅިގެން ކާމިޔާބު އޮޕަރޭޝަނަކަށްފަހު އެރިކްސަންގެ ހާލު މިހާރު ރަނގަޅެވެ.

ޔޫއެފާ އިން ބުނީ މުބާރާތުގެ ފައިނަލް މެޗު ބަލަން އައުމަށް އެރިކްސަން އާއި އޭނާގެ އަންހެނުންގެ އިތުރުން އެރިކްސަން އަށް ދަނޑުމަތީގައި ފަރުވާދިން މެޑިކަލް ޓީމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ދައުވަތު އަރުވާފައިވާ ކަމަށެވެ.

އެގޮތުން މެޑިކަލް ޓީމުގައި ހިމެނުނު ފަރާތްތަކުން އެ ދައުވަތު ގަބޫލުކޮށްފައިވީ ނަމަވެސް އެރިކްސަން އެ ދައުވަތު އަދި މިހާތަނަށް ގަބޫލުކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ސްޕެއިން އެވެ. އަދި އަނެއް ސެމީގައި މާދަމާ ރޭ ބައްދަލުކުރާނީ އިންގްލޭންޑާއި ޑެންމާކް އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.