Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ޔޫރޯ 2020: ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

ޕެނަލްޓީގައި 4-2 އިން ސްޕެއިން ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.

މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފައިނަލްގައި އިޓަލީ ބައްދަލުކުރާނީ ޑެންމާކް އާއި އިންގްލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

އެގޮތުން މި މެޗުގައި ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ސްޕެއިނުން ވަނީ ރަނގަޅަށް ކުޅެ އިޓަލީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެޓީމުގެ ފެރާން ޓޮރޭސް ދުރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، އޮލްމޯ ފޮނުވާލި ހަމަލާ ދިފާއުކުރީ އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި ފެޑެރީކޯ ކިއޭސާ ވަނީ އިޓަލީ އަށް ލީޑު ނަގާދީފައެވެ. އެގޮތުން ކިއޭސާ މި ގޯލު ކާމިޔާބުކުރީ ސްޕެއިނުންގެ ޑިފެންސްލައިން އަތުން ދޫވި ބޯޅައެއް ހޯދައި ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އަދި އޭގެ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްލަން ދެވަނަ ހާފްގައި ކުޅެން އެރި ބެރާޑީ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ސްޕެއިންގެ ޕެނަލްޓިއޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފައެވެ.

ނަތީޖާ އެއްވަރުކުރަން ސްޕެއިނުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 80 ވަނަ މިނެޓްގައި ދެވަނަ ހާފްގައި ކުޅެން އެރި އަލްވަރޯ މޮރާޓާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ސްޕެއިނުން އިޓަލީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައިވެއެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރެއްގައި އޮތުމުން ދެން ކުޅުނު 15 މިނެޓްގެ ދެ ހާފްގައި ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ދެން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީންނެވެ.

އެގޮތުން ފުރަތަމަ ޕެނަލްޓީ ޖެހީ އިޓަލީގެ ލޮކަޓެލީ ކަމަށްވާއިރު އޭނާ ފޮނުވާލި އެ ޕެނަލްޓީ ސްޕެއިންގެ ކީޕަރު ސިމޯން ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެފަހުން ސްޕެއިންގެ އޮލްމޯ ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު އިޓަލީން ދެން ޖެހި ބާނަޑެސްކީ އާއި ބޮނޫޗީ ބެލޮއްޓީ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ ޖެރާޑް މޮރޭނޯ އާއި ތިއާގޯ ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު މޮރާޓާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ. މި މެޗުން އިޓަލީ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ.