Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

55 އަހަރަށްފަހު ފައިނަލަކަށް ދިޔުމަށް އިންގްލޭންޑް ތައްޔާރު

55 އަހަރަށްފަހު ފައިނަލަކަށް ދިޔުމުގެ ފުރުސަތު އިންގްލޭންޑަށް މިރޭ އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި ތާރީހު ބަދަލުކޮށްލން އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް އެޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފިއެވެ.

އިންގްލޭންޑް އެންމެފަހުން ދަތުރުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށެވެ. އެފަހަރު އިންގްލޭންޑުން އެ މުބާރާތް ކާމިޔާބު ކުރިއިރު އޭގެފަހުން އެޓީމު ވަނީ އެކި މުބާރާތްތަކުގެ ސެމީފައިނަލާއި ހިސާބަށް ގޮސްފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މިރޭ ޑެންމާކާއި ދެކޮޅަށް ކުޅޭ މެޗުގެކުރިން ސައުތްގޭޓް ބުނީ ފުޓްބޯޅައިގައި މާ ރަނގަޅު ތާރީހެއް އިންގްލޭންޑުގައި ނެތް ކަމަށާއި ނަމަވެސް މި މުބާރާތުގައި މިހާތަނަށް ވެސް ތާރީހީ އެތައް ކަމެއް ހާސިލުކުރެވިފައިވާއިރު މިރެޔަކީ ވެސް އެފަދަ ކަމެއް ކުރަން ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

"ޔޫރޯގެ ފައިނަލަކަށް ދުވަހަކު އިންގްލޭންޑަކަށް ދަތުރު ކުރެވިފައެއް ނުވޭ. ފުރަތަމަ ފަހަރަށް އެކަން ހާސިލުކުރަން ފުރުސަތު ލިބިފައި އޮތުމަކީ ވަރަށް ޝައުގުވެރިކުރުވާ ކަމެއް" ސައުތްގޭޓް ބުންޏެވެ.

އަދި މުހިއްމު މެޗަކަށް އިންގްލޭންޑް މިރޭ ނިކުންނައިރު މުޅި ގައުމު ވެސް ޓީމުގެ ފަހަތުގައި އޮތްކަން އެނގުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށްވެސް އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ މި މެޗު ކުޅޭނީ 60،000 ސަޕޯޓަރުންގެ ކުރިމަތީގައެވެ.

މީގެއިތުރުން މީގެކުރީގެ މެޗުތަކާއި އެއްގޮތަށް މި މެޗުގައި ވެސް ކުޅުންތެރިން ޕްރެޝަރު ހޭންޑަލް ކުރާނެ ކަމަށާއި ޕްރެޝަރަށް ވުރެ ބޮޑަށް މި މެޗަކީ ކުޅުންތެރިންނަށް އޮތް ޗެލެންޖެއް ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

އިންގްލޭންޑާއި ޑެންމާކް އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައެވެ. އެގޮތުން އެ މެޗު 1-0 އިން ކާމިޔާބުކުރީ ޑެންމާކުންނެވެ.

ޑެންމާކް އާއި އިންގްލޭންޑް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.