Last Updated: April 20, 09:47
Saturday, April 20, 2024
ކުޅިވަރު

ކޭން ހުއްޓުވަން ކުރަންޖެހޭ ކަންތައް ޑެންމާކަށް އެނގޭ

އިންގްލޭންޑްގެ ފޯވާޑް ހެރީ ކޭން ހުއްޓުވަން ކުރަންޖެހޭ ކަންތައް އެނގޭ ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ޑެންމާކުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަން ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މިރޭ އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރާއިރު، އާދައިގެ ގޮތަކަށް މުބާރާތް ފެށި ނަމަވެސް ކޭން މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން އެންމެފަހުން ކުޅުނު ދެ މެޗުގައި ކާމިޔާބުކުރި ގޯލުތަކާއެކު ޔޫރޯގައި އޭނާ ޖެހި ގޯލުތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

މިރޭގެ މެޗުގެކުރިން ވާހަކަދައްކަމުން ކޭން މާކުކޮށްގެން މިރޭ ކުޅޭނެ ކަމަށް ބެލެވޭ ކްރިސްޓެންސަން ބުނީ ކޭން އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ކޭން ހުއްޓުވަން ކުރަންޖެހޭ ކަންތައްތައް އެނގޭ ކަމަށެވެ.

އެގޮތުން ކޭން އާއެކު ޓޮޓެންހަމްގައި ކުޅޭ ކުޅުންތެރިއަކު ވެސް ޑެންމާކު ޓީމުގައި ހުރުމުން އޭނާގެ ފަރާތުން ވެސް ބައެއް ކަންކަން ކުޅުންތެރިންނަށް އެނގިގެންދާނެ ކަމަށް ކްރިސްޓެންސަން ބުންޏެވެ. ކޭން އާއެކު ޓޮޓެންހަމްގައި ކުޅޭ ކުޅުންތެރިއަކަށް ޑެންމާކު ޓީމުގައި ހުރީ އެޓީމުގެ މިޑްފީލްޑަރު ހޮއިބާގް އެވެ.

"ކޭން އަކީ ފަޔަށް ވަރަށް މޮޅު ކުޅުންތެރިއެއް އަދި ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ ރަނގަޅަށް ލިބޭ ފުރުސަތުތައް ނިންމާލާ އެއް ކުޅުންތެރިޔާ އޭނާ އަކީ. އެހެންކަމުން އޭނާއާ އެހާ ގާތް ވެގެން ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން" އޭނާ ބުންޏެވެ.

މީގެއިތުރުން ޑެންމާކުގައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެލެވޭ ފެންވަރު އެބަހުރި ކަމަށާއި ޓީމެއްގެ ގޮތަށް ބަލާއިރު ޑެންމާކާއި އަޅާ ބަލާއިރު އިންގްލޭންޑް ވަކި މޮޅެކޭ ނުބުނެވޭނެ ކަމަށްވެސް ކްރިސްޓެންސަން ބުންޏެވެ.

އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ އިޓަލީއާ އެވެ.