Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ސަރުކާރުން ދަނީ އަމިއްލަ އަށް ކަށްވަޅު ކޮންނަމުން: އުމަރު

މި ސަރުކާރުން ދަނީ އަމިއްލަ އަށް ކަށްވަރު ކޮންނަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރޭ "ސީއެންއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި އުމަރު ވިދާޅުވީ ސަރުކާރުން ޑިފެންސަށް ކުޅެމުން އަންނަތާ އެއް އަހަރު ވެފައިވާ ކަމަށާއި އެގޮތުން އިންޑިއާ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ އާއި ރޭޕްގެ މައްސަލަތަކާއި އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ވެސް ކުޅެނީ ޑިފެންސަށް ކަމަށެވެ.

އަދި ބައިކޮޅަށް ވެސް އެތައް ގޯލެއް ވަންނަމުންދާ ކަމަށާއި އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޗެލެންޖު ކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމަކީ ވެސް ބައިކޮޅަށް ޖެއްސެވި ގޯލެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއަދު ހަގީގަތަކީ އަޅުގަނޑުމެން ނުޖެހޭ ނިކުމެ މާބޮޑަށް އެޓޭކަށް ކުޅޭކަށް ވެސް. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ މިއަދުގެ ސަރުކާރުން އެމީހުންގެ އަމިއްލަ ކަށްވަޅު ކޮންނަމުންދާއިރު އަޅުގަނޑުމެން އެމީހުންނަށް ހަމައެކަނި އުދެލި ހަމައެކަނި ދިއްކޮށްލަން ތިބެން ޖެހޭނީ. އަޅުގަނޑުމެން ނުޖެހޭ މާބޮޑު ކަމެއް ކުރާކަށް މިއަދު" އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ މަސައްކަތް ވެސް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހެއްދެވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި ރައްޔިތުން ތިބީ އެ ދެ ބޭފުޅުން ޖަހާހާ ބެރަކަށް ނަށަން ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީގެ ލީޑަރުން ވަކި ގޮތަކަށް ކަމެއް ނިންމުމުން އެކަން އެގޮތަށް ވާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް އެކަން ވާނީ އެގޮތަށް ނޫން ކަމަށާއި އެއީ ދޮގެއް ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ އެކަމާ އުފާވާނެ ކަމަށާއި އެގޮތުން ސާފުކޮށް ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.