މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖް އެޅުމުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައެއް ހުސްކުރަން ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްކަމަށްވާތީއާއި ބުރިޖުގެ އަމަލީ މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވަރކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުކަމަށްވުމުން އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑުބައެއް އެމަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން ވަގުތީގޮތުން އެކިކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، އިންޑަސްޓްރިއަލް ވިލެޖުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމާއި، މިނިސްޓްރީން ބެލި ބެލުމުން މި ބިންތަކުގައާއި މިސަރަޙައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާތީ މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާކަމަށެވެ.
އެހެންކަމުން އެ ވެހިކަލްތައް 31 ޖުލައިގެ ނިޔަލަސް ނަގައިދިނުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމާއި މިކަމުގައި އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެކަމުގައި ވެސް ބުނެފައިވެއެވެ.