އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ 6 ގޮޑިއަށް 17 ފަރާތަކުން ވާދަ ކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސްއިން ބުނެފިއެވެ.
އިލެކްޝަންސް އައްޑޫ ބިއުރޯގެ އިސް އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެ 3:00 ޖެހުމާއި ހަމައަށް މުޅިއެކު 17 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ 17 ފޯމު ބަލައިގެންފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތި ލުމަށް ހުޅުމީދޫން ވަނީ 4 ފަރާތަކުން ހުށަހަޅާފައެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ އަލީ މުހައްމަދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ މީދޫ، ބަށިމާގެ، އަހުމަދު ހާމިދު އާއި މީދޫ، މެދުގެ ހަސަން ހަމީދުގެ އިތުރުން ޖޭޕީން ނިކުންނަ މީދޫ ކަރަންކާ ވާދީ، ހުސެއިން މުފީދުއެވެ.
ކައުންސިލަށް ކުރިމަތި ލުމަށް އެދި ފޭދޫން ހުށަހަޅާފައިވާ 4 ފަރާތަކީ ޕީޕީއެމްގެ ޓިކެޓްގައި ފޭދޫ ބެންހާގެ އަބްދުﷲ ސައީދުއެވެ. އެމްޑީޕީ ޓީކެޓްގައި އަހުމަދު އަސްވާން ނިކުންނަ އިރު އަމިއްލަ ގޮތުން ފޭދޫ ބުލް ބުލްގޭ އަބްދުﷲ ސައީދު އާއި ފޭދޫ މޫންލައިޓް ސައީދު ޝާކިރު ވަނީ ފޯމު ހުށަހަޅާފައެވެ.
މަރަދޫ ދާއިރާއިން މިހާރުގެ ކައުންސިލަރ ޠޮއްޔިބް އާއި ވާދަކުރަނީ މަރަދޫފޭދޫ ޖުމްހުރީ ޕާޓީގެ ފަރާތުން މަރަދޫފޭދޫ، ލިލީމާގެ، ރިލްވާން ޒާހިރުއެވެ.
ހިތަދޫ ދެކުނު ދާއިރާއިން ކައުންސިލްގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީން، ހިތަދޫ ހެވި، މުހައްމަދު ޔަސްރިފް އާއި ޖުމްހުރީ ޕާޓީން ހިތަދޫ ކައްބާބުގެ، ހުސެއިން ޒަރީރުއެވެ.
މެދު ދާއިރާއިން މިހާރުގެ ކައުންސިލަރ ހިތަދޫ ނާޒް، ހުސެއިން ހިލްމީ އާއި ވަދާކުރާނީ ހިަތދޫ ރިއާޒް، އަބްދުﷲ ޖަމީލް އާއި ޕީޕީއެމްގެ ފަރާތުން ހިތަދޫ ނޫރުވާދީ އިބްރާހިމް ރަޝީދު ވަޖުދީއެވެ.
އުތުރު ދާއިރާއިން މިހާރުވެސް އެދާއިރާ ގޮޑި ފުރުއްވަމުން އަންނަ ހިތަދޫ، ކައުސަރު، އަބްދުﷲ ސާދިގް (ސޯބެ) އާއި ވާދަކުރާނީ ހިތަދޫ، ފާޒް، އިނާޒް މުހައްމަދު ދީދީއެވެ.
އިލެކްޝަންސް އިން ބުނީ މާދަމާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއްލާން ކުރާނެކަމަށެވެ. އަދި މާދަމާ ކެންޑީޑެޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ކެންޑިޑޭޓް ނަންބަރު ދިނުމަށް ބާއްވާ ގުރުއަތު ނެގުން އޮންނާނެކަމަށެވެ.