Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފުލުހުން މައްސަލަ ތަހްގީގުކުރުމުގައި އިހްމާލުވޭ، އެކަމަށް ފިޔަވަޅެއްވެސް ނާޅާ:ޕީޖީ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަނީ:

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައެއް މައްސަލަތައް ތަހްގީގުކުރުން ލަސްވާ ކަމަށާއި އަދި ތަހްގީގުކުރުމުގައި އިހްމާލުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ފުލުހުންގެ މައްސަލަތަކެއް ހުރިކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެ އޮފީހުން ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލައި ތައްޔާރުކުރި ރިޕޯޓްގައި އެވެ. އެ ރިޕޯޓް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މި އަހަރުގެ ތެރޭގައި އެ އޮފީހަށް ތަހްގީގީ އިދާރާތަކުން ދައުވާ ކޮށްދޭން އެދި ފޮނުވި މައްސަލަތަކުގެ ތެރެއިން 10 ކަމެއް ނުރަނގަޅަށް ހިނގާފައި ހުރިކަން އެ އޮފީހުގެ ޕްރޮސިކިއުޓަރުނަށް ފާހަގަކުރެވިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:
• އިޖުރާއީ ގޮތުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން 12 ކަމެއް
• ތަޙްޤީޤުކުރުމަށްފަހު މިއޮފީހަށް އެމައްސަލަތައް ހުށަހެޅުން އެކަށީގެންވާ ސަބަބެއްނެތި ލަސްވި ފަސް މައްސަލަ
• ތަޙްޤީޤުކުރުމުގައި އިޙްމާލުވެފައިވާކަމަށް ފާހަގަކުރެވުނު ތިން މައްސަލައެއް

ޕީޖީ އޮފީހުން ބުނެފައި ވަނީ ތަހްގީގު އިދާރާތަކުގެ ތެރެއިން ފުލުހުން ތަހުޤީޤުކޮށް އެ އޮފީހަށް ހުށަހެޅި މައްސަލަތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ޒާތާއި ބާވަތަށާއި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު އެ މައްސަލަތައް އެއިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް ހުށަހެޅުމަށް ލަފާދީފައިވާނެ ކަމަށެވެ.

އަދި ތަޙުޤީޤީއިދާރާތަކުން މައްސަލަ ތަޙްޤީޤުކުރުމަށްފަހު މައްސަލަ އެ އޮފީހަށް ހުށަހެޅުން ލަސްވާ މައްސަލަތަކާ ގުޅިގެން، މިބާވަތުގެ މައްސަލަތައް ހުށަހެޅުން ލަސްވާ ސަބަބު ސާފުކުރުމަށްފަހު، އެ ކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަމަ
އިދާރީ ގޮތުން މިފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަޙްޤީޤުކުރާ އިދާރާތަކަށް އަންގާފައިވާނެ ކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ.

ނަމަވެސް ނުރަނގަޅަށް ކޮށްފައިވާ ކަންކަން އިސްލާހްކޮށް އިހްމާލްވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ފުލުހުން މަސައްކަތް ނުކުރާ ކަމަށް އެ ރިޕޯޓްގައިވެ އެވެ

"ނަމަވެސް، މިގޮތުން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެދެވޭ ޖަވާބެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްއިން ދީފައިވާކަމަކަށް ނުފެނެއެވެ. ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުން އާދަޔާ ޚިލާފަށް ދިގުލައިގެން ދިއުމާއި، ތަޙްޤީޤު ނިންމުމަށްފަހު މި އޮފީހާ ނިންމުންތައް ޙިއްސާކުރުމުން، ދިރާސާކުރިއިރު އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަޙްޤީޤުކުރެވިފައި ނުހުންނަކަމާއި، އަދި ކަންކަން އިޞްލާޙުކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅަމުންނުދާކަން ފާހަގަކުރަމެވެ." ޕީޖީ އޮފީހުގެ ރިޕޯޓްގައިވެ އެވެ.

ފުލުހުންގެ އަމަލުތައް މިހާރު އެގޮތައް ހުރިނަމަވެސް، ފުލުހުންގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު، އެކަން ކަން އިތުރަށް ހަރުދަނާވެ ފުރިހަމަވެގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް އެ ރިޕޯޓްގައި ފާހަަގަކޮށްފައި އޮތެވެ. އަދި ޤާނޫނަށް ގެނައި ބަދަލާއެކުވެސް، މިކަން ޙައްލުނުވާނަމަ، ދެން މަޖިލީހަށް ފޮނުވާ ރިޕޯޓްގައި އެކަން އަންގާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ތަހްގީގު އިދާރާތަކުން ފޮނުވި މައްސަަަލަތަކުން ފާހަގަ ކުރެވުނު ކަންކަން ތަހުޤީޤުކުރާ އިދާރާތަކުގެ ކަމާބެހޭ ސެކްޝަންތަކަށް އެ ޝަކުވާތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވި އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އެޅެން ހުރި ފިޔަވަޅުތަކާމެދު މަޝްވަރާކޮށް ލަފާދެވިފައިވާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.