ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ހަމަނުވުމުން މުހިންމު ތިން ބިލަކަށް ވޯޓަށް ނޭހި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކުން ނިންމާފައިވާ މަސައްކަތްތަކަށް ވޯޓަށް އަހަމުްނ ދިޔައިރު ތިން ބިލަކަށް ވޯޓަށް އެހުމަށް ބޭނުންވާ މިންވަރަށް މެމްބަރުން ހަމަނުވުމުން ވޯޓަށް އެހިފައިނުވެއެވެ.
އެ ތިން ބިލަކީ ދިވެހިރާއްޖޭގެ ތަފާސް ހިސާބުތަކުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި އާމްދަނީން ޓެކުސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އި ބިލްތަކަށް ވޯޓަށް އެހުމަށް 44 މެމްބަރުން ތަޅުމުގައި ތިބެންޖެހޭނެކަމަށާއި، އެހެންނަމަވެސް ހާޒިރުވެ ތިބީ 39 މެމްބަރުންކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމާލިއިރު އީވާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާނެކަމަށެވެ. އެ ޖަލްސާވާނީ މިދައުރުގެ ފަހު ޖަލްސާއަށެވެ.