ކޮވީޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ރަށަށް ދެވޭގޮތް ހަދައިފިއެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
އެގޮތުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިންގެ ނެތް ރަށްރަށުގެ އިތުރުން އެރަށެއްގައި ޕޮޒިޓިވިޓީ ނިސްބަތް ހުރި މިންވަރަކަށް ބެލުމަށްފަހު ދަތުރުކުރުމުގައި ލުއިދޭން ނިންމާފައިވާކަމަށެވެ. އެގޮތުން މޮނީޓަރިންގައި ނެތް ރަށްރަށާއި ރަށްރަށުގައި ޕޮޒިޓިވްވާ އިންސައްތަ ފަސް އިންސައްތައަށްވުރެ ދަށުގައި ހުރި ރަށްރަށަށް ކަރަންޓީނާއި ނުލާ ދެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން އެޗްޕީއޭ އިން ދޭ ހާއްސަ ހުއްދައިގެ ދަށުން ނޫނީ މާލެއިން ރަށްރަށަށް ދިޔުމަކީ މަނާ ކަމެކެވެ.
މި ލުއިތައް ދީފައިމިވަނީ ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑުތަނުން ދަށްވުމާ ގުޅިގެންނެވެ. އެގޮތުން ރާއްޖެއިން އިއްޔެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 105 ފަރާތް ކަމަށްވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 23 ފަރާތެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 74 ފަރާތެކެވެ.