Last Updated: April 25, 17:42
Thursday, April 25, 2024
ކުޅިވަރު

އިންގްލޭންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފި

2-1 އިން ޑެންމާކު ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

މިއީ 1996 ވަނަ އަހަރަށްފަހު އިންގްލޭންޑް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ފައިނަލްގައި އިންގްލޭންޑް ބައްދަލުކުރާނީ އިޓަލީއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ކުރީކޮޅު އިންގްލޭންޑުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ވަކި ހިސާބަކުން ޑެންމާކުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން މެޗުގެ 30 މިނެޓްގައި އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ކައިރިން ލިބުނު ހިލޭޖެހުމެއް ގޯލަށް ވައްދާލައިގެން ޑެންމާކުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު ޑެންމާކަށް ކާމިޔާބުކޮށްދިނީ މިކޭލް ޑެމްސްގާޑް އެވެ.

މި ގޯލަށްފަހު އިންގްލޭންޑުން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 39 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ސަކާ ނަގައިދިން ހުރަހަކުން މި ގޯލު ޑެންމާކު ކޮޅަށް ވަދެފައިވަނީ އެޓީމުގެ ކެޕްޓަންގެ ފައިގައި ޖެހިފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އިންގްލޭންޑުން ދިޔައީ އަލުން ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެގުއާ ބޮލުން ފޮނުވާލި ހަމަލާ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ދިފާއުކުރިއިރު އިންގްލޭންޑުން ދެން ފޮނުވާލަން މަސައްކަތްކުރި ހަމަލާތައް ޑެންމާކުގެ ޑިފެންޑަރުން ވެސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތަށް އެޅުނުއިރު ޑެންމާކުގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަމުގެ އަސަރު ފެނިގެންދިޔައިރު 90 މިނެޓްގެ ކުޅުން ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހު ކޮޅު އިންގްލޭންޑަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ކޭން ގޯލަށް ވައްދާލީ އޭނާ ފޮނުވާލި ޕެނަލްޓީ ޝްމައިކަލް ދިފާއުކުރުމުން ބޭރަށް ނިކުތް ވަގުތުގައެވެ.

އެ ޕެނަލްޓީ އިންގްލޭންޑަށް ލިބުނީ ސްޓާލިން އަށް ޑެންމާކުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ކަމަށްވާއިރު ޑެންމާކުގެ ކުޅުންތެރިން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ރެފްރީ ގާތު ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. އެ ޕެނަލްޓީ ދީފައިވަނީ ވީއޭއާރް ބެލުމަށްފަހުއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފްގައި އިންގްލޭންޑުން އިތުރު ގޯލެއް ކާމިޔާބު ކުރުމުގެ ބަދަލުގައި ވީހާވެސް ބޮޑަށް ބެލީ ބޯޅަ ހިފަހައްޓައިގެން ވަގުތު ދުއްވާލުމަށެވެ. އެގޮތުން ޑެންމާކަށް މާބޮޑު ނުރައްކަލެއް އިންގްލޭންޑްގެ ގޯލަށް މި ހާފުގައި ވެސް ކުރެވޭ ގޮތް ނުވިއިރު ކައުންޓަ އެޓޭކުތަކުގައި އިންގްލޭންޑަށް ވަނީ އިތުރު ގޯލުތަކެއް ޖަހަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.