އައްޑޫސިޓީގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމަށް ނިންމައިފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، 10 ޖުލައި 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޝީލްޑުގެ ދެވަނަ ޑޯޒް އައްޑޫސިޓީގައި ޖަހަން ފެށުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ހޮސްޕިޓަލުން ކަނޑައަޅާ އެޕޮއިންޓްމަންޓް އުޞޫލެއްގެ ތެރެއިންކަމަށްވެސް ބުނެފައިވެއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ހިތަދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ އައްޑޫ ހައިސްކޫލުގައި ކަމަށާއި، އެހެނިހެން އަވަށްތަކުގައި ވެކްސިން ޖެހުން އޮންނާނީ އެ އަވަށެއްގެ ހެލްތުސެންޓަރެއްގައި ކަމަށެވެ.
ހިތަދޫގައި ދިރިއުޅޭ ފަރާތްތަކުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ނަމާއި، އައިޑީ ކާޑް ނަމްބަރު، އެޑްރެސް، އުމުރު، ކިތައްވަނަ ޑޯޒްކަން، އަދި ގުޅޭނެ ނަމްބަރު، 7379951 އަށް ވައިބާކުރުމަށް އެދިފައިވެއެވެ. އަދި ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ވެކްސިން ޖެހި ތާރީހު އަދި ޖެހި ވެކްސިންގެ ނަން މެސެޖުގައި ހިމެނުމަށް އެދިފައިވެއެވެ. މީގެ އިތުރުން މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގައި ދިރިއުޅޭ ފަރާތްތަކުން އެ ރަށެއްގެ ހެލްތް ސެންޓަރުގައި ރަޖިސްޓްރީ ވުމަށްވެސް އެދިފައިވެއެވެ.
ކޮވިޝީލްޑުގެ ދެވަނަ ދޯޒް އަލުން ޖަހަން ފަށާއިރު ސިނޮފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ދޯޒް ޖެހުންވެސް ކުރިއަށްދާނެކަމަށްވެސް ބުނެފައިވެއެވެ.