ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް ސިއްރުކޮށްފިއެވެ.
އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ރޭ ދަންވަރު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ކޮމިޓީ ރިޕޯޓް ސިއްރު ކުރުމަށް ނިންމާފައިވަނީ، ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތު ރިޕޯޓްގައި ހިމެނޭތީ ކަމަށެވެ.
ރިޕޯޓް ފާސްކުރުމަށް ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގެ ބައެއް ސިއްރު ކޮސްގެން ކުރިއަށްގެންދިޔައިރު ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއްގައެވެ.
ރިޕޯޓް ސިއްރުކޮށް ތިން ބާރުގެ ވެރިންނަށް ހިއްސާކުރިނަމަވެސް، އެ ރިޕޯޓު އަރުވާއިރު، އެއިން އުނިކުރާނެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، އަދި ހިނގަމުންދާ ތަހުގީގުތަކާއި މައުލޫމާތާއި ބައެއް މީހުންގެ ނަންތަކެވެ.
އިންކުއަރީ ރިޕޯޓް ކޮމިޓީން ރޭ ފާސްކޮށްފައިވާއިރު އެ ރިޕޯޓް ފާސްކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެއެވެ. އެހެންނަމަވެސް އެ ޖަލްސާ ބާއްވާނެ ގަޑިއެއް އަދި އެނގިފައެއް ނުވެއެވެ.