ހިތަދޫގައި ހުންނަ އެވްރީވަންސް ލާނިން ސެންޓާރަ (އީއެލްސީ)އިން އައްޑޫގައި ތިބި ޔަތީމު ކުދިންނަށް ހިލޭ ކިޔަވައިދޭން ފުރުސަތު ހުޅުވާލައިފިއެވެ.
އީއެލްސީ އައްޑޫ ބްރާންޗްގެ މެނޭޖަރު އަދި އީއެލްސީ އިންޓަނެޝަނަލް ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް އަލީ ވަހީދު މިއަދު ވިދާޅުވީ އައްޑޫގައި ތިބި މާލީ ތަނަވަސްކަން ނެތް 30 ކުއްޖަކަށް އީއެލްސީގެ ދަށުން ހިންގާ "ލަވް އެންޑް ކެއާ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް"ގެ ދަށުން ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
އަދި މިފުރުސަތު އައްޑޫގެ ކޮންމެ ރަށެއްގެ ކުއްޖަކަށްވެސް ހުޅުވިފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އީއެލްސީން ހިލޭ ކިޔަވައިދޭނީ ނާސަރީން 10 ކުއްޖަކަށާއި، އެލްކޭޖީން 10 ކުއްޖަކަށް އަދި ޔޫކޭޖީން 10 ކުއްޖަކަށެވެ. އަދި މިކަމަށް މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އީއެލްސީއަކީ މިދިޔަ އަހަރު ހިތަދޫގައި ހުޅުވި ސްކޫލެކެވެ. އީއެލްސީއިން ޕްރީސްކޫލްގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ ކްލާސްތައްވެސް އަންނަނީ ހިންގަމުންނެވެ.