Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

އިންކުއަރީގެ މަސައްކަތް މެމްބަރުން ކުރީ ޤައުމީ މަސައްކަތެއްގެ ގޮތުގައި: އަސްލަމް

މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ މަސައްކަތް ކޮމިޓީގެ މެމްބަރުން ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުރީ ނިންމާލާ ރިޕޯޓް ކޮމިޓީން ފާސްކުރުމަށްފަހު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމިޓީގައި މެމްބަރުން މަސައްކަތް ކުރެއްވީ ވަރަށް އެކުވެރިކަމާއި އަދި އެއްބާރުލުން ދީގެންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، ކޮމިޓީ ރިޕޯޓް ނިންމާލެވުނީ ކޮމިޓީގެ މެމްބަރުންގެ ބުރަ މަސައްކަތުންނާއި ހާއްސަ ސަމާލުކަމުގެ އިތުރުން ހުނަރާއި ތަޖުރިބާގެ ސަބަބުންކަމަށެވެ. އަދި މި މަސައްކަތް ކޮމިޓީގެ މެމްބަރުން ކޮށްފައިވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަން ފާހަގަކުރެއްވިއެވެ.

"އެކި ޕާޓީތައް ތަމްސީލު ކުރައްވާ ބޭފުޅުން ވަކި ޕާޓީއަކަށް ބެލުމެއް ނެތި، ޤައުމީ މަސައްކަތެއްކަމުގައި މިކަން ދެކިގެން މިކަމުގައި ހުރިހާ ބޭފުޅުންގެވެސް އެއްބާރުލުމާއި އެހީތެރިކަމާއި ލިބިގެން ދިޔައީ ހަމަ ނަމޫނާ މަސައްކަތެއް، ޤައުމީ މަސައްކަތެއްގަ ދިވެހިން ބައިވެރިވުމުގެ، އެ އޮންނަ ގޮތުގަ." އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލުގެ 241 ކޮމިޓީން އިންކުއަރީ ރިޕޯޓް ރޭ ދަންވަރު ފާސްކޮށްފައިވަނީ އެ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

241 ކޮމިޓީއަކީ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެމްބަރުން އަދި އަމިއްލަ މެމްބަރުންވެސް ނިސްބަތްވާ ގޮތަސް އެކުލެވިގެންވާ ކޮމިޓީއެކެވެ.