Last Updated: June 27, 10:45
Saturday, June 27, 2026
ޚަބަރު

އީވާގެ ޝުކުރު އަސްލަމަށް، ވިދާޅުވީ މިފަދަ މަސައްކަތެއް އަދި ނުކުރެވޭކަމަށް

މެމްބަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީ އަކީ މަޖިލީހުގައި މިފަހުން ކުރެވުނު މިފަދަ އެންމެ ފުރިހަމަ މަސައްކަތް ކަމަށާއި، އެކަމަށްޓަކައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަށް ޝުކުރު އަދާކުރާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ 241 ކޮމިޓިން ކުރިއަށްގެންދިޔަ އިންކުއަރީގެ ރިޕޯޓް ނިންމާ ފާސްކުރުމަށްފަހު ރޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އީވާ ވިދާޅުވީ، ކޮމިޓީގެ މެމްބަރުން މި މަސައްކަތްކުރީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް ފާހަގަކުރަންބޭނުންވީ އަސްލަމްގެ މަސައްކަތް ކަމަށެވެ. އިންކުއަރީގެ ކުރީކޮޅު ބައެއްކަހަލަ ދަތިތަކާ ކުރިމަތިވި ކަމަށާއި، އަދި މި މަސައްކަތަކީ މަޖިލީހަށްވެސް އާ މަސައްކަތަށް ވެފައި، އެކި ސިޔާސީ ޕާޓީތަކާއެކު އެކި މީހުންގެ އެކި ވިސްނުމާއެކު އަސްލަމް މި މަސައްކަތުގައި ގެންގުޅުއްވި ހިކްމަތްތެރިކަމާ ކެތްތެރިކަން ފާހަގަކުރަންޖެހޭކަމެއްކަމަށް އީވާ ވިދާޅުވިއެވެ.

މި މަސައްކަތުގައި ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ކުރިމަތިވި ދަތިތަކުގައި ހައްލު ހޯއްދެވުމަށްވެސް އަސްލަމް މުހިންމު މަސައްކަތްތަކެއް ކުރެއްވިކަމަށް އިވާ ވިދާޅުވިއެވެ. އަދި ޓީމެއްގެ ގޮތުގައި ކޮމިޓީ ހިފަހައްޓައިދެއްވީތީ އަސްލަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

"މަޖިލީހުގަވެސް އަދި 241 ކޮމިޓީގަވެސް އަޅުގަނޑު އިންނަތާ މިއީ 11 ވަނަ އަހަރު. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ދުވަހަކުވެސް އަދި މިކަހަލަ މަސައްކަތެއް މިގޮތަކަށް އަދިއެއް ނުކުރަން. ސިޔާސީ ޕާޓީތަކާ އެކު މައްސަލަ ނުޖެހި، އެކުވެރިކަމާ އެކީގައި އެއް ރޫހެއްގައި އެއް މިސްރާބަކަށް މިވަރަށް ދުވަހަކުވެސް، ހަމަގައިމުވެސް އަޅުގަނޑު މަސައްކަތްކުރެވުނު ތަޖުރިބާއެއް އަދި ނުކުރަން." އީވާ ވިދާޅުވިއެެވެ.

އީވާ ވިދާޅުވީ މިފަދަ މަސައްކަތެއް މިގޮތަށް ކުރެވުނީ އަސްލަމްގެ ހިކުމަތްތެރިކަމުން ކަމަށާއި، އެކަމަށްޓަކައި މަޖިލީހުގެ ނަމުގައާއި ކޮމިޓީގެ މެމްބަރުންގެ ނަމުގައި އަސްލަމް އަށް ޝުކުރުއަދާކުރާކަމަށެވެ.