ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.