"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި އިސްލާހުގެ ރިޕޯޓަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. އާޒިމްގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަކީ އެންމެންގެ މަޝްވަރާ ހޯދާ އަޑު އަހާ ޕާޓީއެއްކަމަށާއި، މި އިސްލާހާއި މެދު ގިނަ ބައެއްގެ ނުތަނަވަސްކަން އޮތްކަން ހާމަވާކަމަށެވެ. އެހެންކަމުން އެ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލާ އިތުރަށް ދިރާސާ ކުރުމަށް ހުށަހަޅާކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހަށް ޤާނޫނުލްއުޤޫބާތުގެ އިސްލާހުގެ ކޮމިޓީ ރިޕޯޓް ހުށަހަޅާ ބަހުސްކޮށްފައިވާއިރު އިދިކޮޅު މެމްބަރުންވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މަޖިލީހުގައި އަޑުގަދަކޮށްފައެވެ.