Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

ވައްޑޭ، ރައީސް ސޯލިހަށް: "ހިތްވަރު ނެތިއްޔާ ކަންކަން ނުކުރާނީ"

ހިތްވަރު ނެތިއްޔާ ކަންކަން ނުކުރާނީ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑު ވިދާޅުވެއްޖެއެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ވައްޑޭ ވަނީ މި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.

ރިޕޯޓަށް ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމަށްފަހު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ހަވަރަށް" ދޭ އުސޫލުން ކަންތައް ކުރުމުން އެކަން ކުށްވެރިކުރާކަމަށެވެެ.

"ރައީސުލްޖުމްހުރިއްޔާއަށް ދަންނަވާލަން. ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން." ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ދައުލަތުގެ މީޑީއާއިން މި އިސްލާހަށް "ހިސާނުގެ ބިލް"ގެ ނަމުން މުހާތަބު ކުރާކަމަށާއި، އަދި ދީނަށް ފުރައްސާރަ ކުރުން މަނާކުރާ ބިލަށް ސަރުކާރުގެ ބިލްގެ ގޮތުގައި މުހާތަބު ކުރާކަމަށެވެ.

"މިފާޑަށް ކަންތައް ނުކުރާށޭ. ނޫނީ އަޅުގަނޑުމެން ރަނގަޅަށް މިއަދު ސާފުކޮށް ނިންމަން އެބަޖެހޭ، ސަރުކާރުން ދެން ފޮނުވާ ބިލަކީ ސަރުކާރު ބިލެއްކަން ކަނޑައެޅޭނެ އުސޫލެއް، ވަރަށް ރަނގަޅަށް ކަނޑައެޅިއްޖެ މިއަދު. އެމީހަކާ އެމީހެއް ދެން އޮންނާނީ." ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ވަރަށް މިނިވަންކޮށް އުޅެލާ ހިތްވާ ކަމަށާއި، 65 މެމްބަރުންގެ ހުރެ ހަލާކުވެއްޖެ ކަމަށާއި، މީހުން ގޮވާ އެއްޗެހިން މަގުމައްޗަށް ނިކުމެވެން ނެތްކަމަށެވެ.

މިރިޕޯޓަށް ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، މި އިސްލާހާ ގުޅިގެން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަދި ޑރ. ސައްތާރް ފަދަ ބޭބޭފުޅުންނާ ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް ކާފަރަށް ނުގޮވޭނެ ކަމަށް އެ އިލްމުވެރިންވެސް އިއްތިފާގުވާކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި ސިޔާސީ ކަމެއްގައި އާބާދީގެ ދެބައިކޮށްފަ އެއްބައި ކާފަރުކޮށް ވާހަކަ ނުދެއްކޭނެކަމަށް ވައްޑޭ ވިދާޅުވިއެވެ.