އެމްޑީޕީގެ މަޖިލީހުގެ ސުޕަމެޖޯރިޓީއަކީ 65 މެމްބަރުންގެ "ފިނޑި" ސުޕަމެޖޯރިޓީއެއް ކަމަށް ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ ހުށަހަޅަންޖެހޭ އެތައް ސަބަބެއް ކުރިމަތިވެގެން ކަމަށެވެ. އެގޮތުން މި ބިލު ހުށަހަޅާފައިވަނީ ދީނާ ގުޅުވާ ނަފުރަތު އުފައްދާ އެތައްބަޔަކު މަރާ އިންޒާރުދީ ބިރުވެރިކަން އުފައްދާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މިބިލަކީ ހިސާންގެ ބިލެއް ނޫންކަމަށާއި، މިއީ ރައިސް ސޯލިހް އަދި ކޯލިޝަންގެ އަދި ސަރުކާރުގެ އިސްލާހެއްކަމަށެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމަށްފަހު ދެން ކަންތައް ވެގެންދިޔައީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ލަދުގަންނަފަދަ ގޮތަކަށްކަމަށް މީކާއިލް ވިދާޅުވިއެެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ސަރުކާރުން ހުށަހެޅި ބިލެއް ދިފާއު ކުރާކަށް އެއްވެސް ކަމެއް ކުރިތަނެއް ނުފެނުނު ކަމަށް މީކާއިލް ވިދާޅުވިއެެވެ
"ތަކުރާރުކޮށް ހިސާނު ބިލު ކިޔާއިރު އެކަން ސާފުކޮށްދިނުމުގެ ނިޔަތެއް ސަރުކާރުގައި އޮތްކަމަކަށް ނުފެނޭ. ބިލުގެ ދިފާއުގައި ވަކާލާތު ކުރި އެންމެން މަރަން ހުށަހެޅީ، މި ބިލު ދިފާއުނުކޮށް." މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާލުވީ މި ބިލު "އޮޅާލުމަށްފަހު" ދެން 65 ގެ "ފިނޑި ސުޕަރ މެޖޯރިޓީ"އިން ގެއްލުވާލައިފައިވާ ނޫސްވެރިޔާ ރިލްވާން، މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދް އަދި ޑރ. އަފްރާޝިމް އަލީގެވާހަކަ ދައްކައިގެން ނުވާނެކަމަަށެވެ.
މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ނިންމާ އެކަން ވަނި މަޖިލީހުގައި ހާމަކޮށްފައެވެ. މި ބިލުގެ ސަބަބުން މަޖިލީހާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.