Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

މިއީ މިހާތަނަށް ސަރުކާރުން ހުށަހެޅި އެންމެ ފެންވަރު ދަށް ބިލު: އަލީ ހުސައިން

މެމްބަރު އަލީ ހުސައިން--

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ ބަންޑާރަނައިބުގެ އޮފީހުން މިހާތަނަށް ހުށަހަޅާފައިވާ އެންމެ ފެންވަރު ދަށް ބިލު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ބިލަށް އިސްލާމިކް މިނިސްޓްރީން ބައެއް އިސްލާހުތައް ހުށަހަޅާފައިވާއިރު އޭގެތެރެއިން ބައެއް ބައިތައް ދޫކޮށްލާފައި އަނެއްބައި ބައިތައް ބަލައިގަނެފައިވާކަމަކީ ހަގީގަތް ކަމަށެވެ. އަދި ކުށް ބަޔާންކުރާ މާއްދާގައި ނިޔަތުގެ ވާހަކަ އެއްވެސް ވަރަކަށް ބަޔާންނުކޮށް ދޫކޮށްލާފައި އޮތުމަކީވެސް ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީތީ ދެރަވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މި ބިލު ޑްރާފްޓް ކޮށްފައިވަނީ އާންމުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލު ޑްރާފްޓް ކުރާ ގޮތަށް ނޫންކަމަށެވެ. އޭޖީ އޮފީހުގެ ބައެއް ވަކީލުން މި ބިލާއި ދެކޮޅު ހަދާފައި އެބަހުރި ކަމަށާއި، އެހެންނަމަވެސް އެޓަރނީ ޖެނެރަލް އިބްރާޙިމް ރިއްފަތު މި ބިލު ފޮނުވުމަށް ބޭނުންފުޅުވެލެއްވުމުން އޭޖީ އޮފީހުގެ ތައްގަނޑު ޖެހުމަށްފަހު ބިލު ފޮނުވީ ކަމަށެވެ.

މި ބިލަކީ މިހާތަނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އެންމެ ފެންވަރު ދަށް، އަދި އެއްވެސް ވަރަކަށް ގައުމުގައި ކަންހިނގަމުން އަންނަގޮތް ބަލާލުމެއް ނެތި އަދި ކަމާގުޅޭ އިލްމުވެރިންގެ ލަފާ ނުހޯދާ މިފަދަ ބިލެއް ހުށަހެޅި ފުރަތަމަ ފަހަރުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި މިއީ އޭޖީން އައިސްފައިވާ ބިލެއްތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައް ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވީ މި އިސްލާހަކީ ކުޑަ އިސްލާހެއް ނަމަވެސް އެ އިސްލާހަށް ހުށަހެޅި އިސްލާހުތައް މާގިނަ ކަމަށެވެ.