Last Updated: June 27, 10:55
Saturday, June 27, 2026
ޚަބަރު

ރައީސް ސޯލިހް އިސްތިއުފާ ދެއްވާ: ބޮންޑޭ

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކެބިނެޓް އުވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މި ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކަމަށާއި، އަދި ބިލާއި ދެކޮޅަށް ވާހަކަ ދައްކަނީ ވެސް ސަރުކާރުން ކަމަށެވެ.

ބޮންޑޭ ވިދާޅުވީ މި އިސްލާހަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެހެން ދިމާލަކަށް މިސްރާބު އަނބުރާލުމަށް ރާވާފައި އޮތް އެއްޗެއްކަމަށާއި އަދި މިދަލުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ރަނގަޅަށް ޖެހިފައިވާކަމަށެވެ. ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޕާލިމެންޓަށް އަދި ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށެވެ.

އަދި މިސްރާބު އަނބުރާލުމަށް މި ބިލު ހުށަހަޅާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށް އަދި ކެބިނެޓް އުވާލުމަށް ބޮންޑޭ ގޮވާލައްވާފައިވެއެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތް ފަރާތަކީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނު އެކަނިވެސް އެއް ލައްކަ ވޯޓު ހޯދާފައިވާކަމަށެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވޯޓެއް ލިބެނީ "ލާދީނީ" ގޮވައިގެންކަމަށެވެ.