Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

އިންގްލޭންޑް-ޑެންމާކް މެޗު އަލުން ކުޅެން ގޮވާލައި ޕެޓިޝަނެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ރޭ އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗު އަލުން ކުޅުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިިފިއެވެ.

ރޭގެ މެޗު 2-1 އިން ކާމިޔާބުކޮށް އިންގްލޭންޑް މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރިއިރު، އެ މެޗުގައި އެންމެ ބޮޑަށް ސުވާލު އުފެދިގެން ދިޔައީ އިންގްލޭންޑަށް ދިން ޕެނަލްޓީއާ ގުޅިގެންނެވެ. އެ ޕެނަލްޓީ ދީފައިވަނީ އިންގްލޭންޑްގެ ރަހީމް ސްޓާލިން އަށް ޑެންމާކުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ކަމަށްވާއިރު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ޑެންމާކްގެ ކުޅުންތެރިން ވަނީ ރެފްރީ ގާތު ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.

އެ ޕެނަލްޓީ ދީފައިވަނީ ރެފްރީގެ ނިންމުމަކަށް ކަމަށްވާއިރު، ރެފްރީ އެ ނިންމުމަށް ފަހުން ވީއޭއާރްގެ އޮފިޝަލުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެ ޕެނަލްޓީ އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލުމުން ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ދިފާއުކުރި ނަމަވެސް ބޯޅަށް ބޭރަށް ނިކުތް ވަގުތު ކޭން ވަނީ ގޯލަށް ވައްދާލައިގެން އިންގްލޭންޑް މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

އެ ޕެނަލްޓީގެ ޝަކުވާ އިންގްލޭންޑަށް ސަޕޯޓުނުކުރާ ފަރާތްތަކުގެ މެޗުގައި ބޮޑުވެފައިވާއިރު، ޔޫއެފާ އަށް ހުށަހެޅުމަށް މިހާރު ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން ފަށާފައެވެ. އެގޮތުން އެ ޕެޓިޝަނުގައި ބުނެފައިވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ކަނޑައަޅައި އެ ޕެނަލްޓީ ކެންސަލްކޮށްދިނުމަށް އެދިފައެވެ. އަދި އެ ޕެނަލްޓީ ކެންސަލް ނުކޮށްފިނަމަ އެއީ ޔޫއެފާގެ ފެއިލްވުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ޕެޓިޝަނުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މިފަދަ ޕެޓިޝަނެއް ހުށަހެޅި ނަމަވެސް އެ މެޗު އަލުން ކުޅުމުގެ ފުރުސަތެއް ދެން ނޯންނާނެއެވެ.

މީގެކުރިން ފްރާންސް އާއި ސްވިޒަލޭންޑްގެ މެޗު އަލުން ކުޅުމަށް ގޮވާލައި ވެސް ޕެޓިޝަނެއް ތައްޔާރުކޮށްފައިވެއެވެ. އެ ޕެޓިޝަނުގައި 270،000 މީހުން ސޮއިކޮށްފައިވެއެވެ.

ޔޫރޯގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެރޭ އިންގްލޭންޑް ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.