އައްޑޫ ސިޓީ ކައުންސިލުން ދައުލަތުގެ ބޭނުމަށް ކަމަށް ބުނެ ހިތަދޫ މާމެންދޫން ނަގާފައިވާ ގޯތިތައް އަލުން ގުރުއަތުލުން މިމަހުގެ 14 ވަނަ ދުވަހުގެ ރެއަށް ތާވަލް ކޮށްފައި ވަނިކޮށް ގުރުލުން ނުބޭއްވޭނެ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
ކައުންސިލުން ދައްލަތުގެ ބޭނުމަށް ކަމަށް ބުނެ ނަގާފައިވާ ގޯތީގެ ގުރުލުން އިއްލާންކޮށްފައި ވަނިކޮށް ހިތަދޫ، ޒެނާނާ، އިބްރާހިމް ނަސީރު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އިއްޔެ ގާޒީ އިބްރާހިމް ނަފީސް ކުރި އަމުރުގައި ގުރުއަތުލުން ބާއްވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅާފައެވެ.
ކޯޓުން ނެރުނު ހުކުމުގައި ވަނީ މައިގަނޑު 8 ނުކުތާއެއް ފާހަނގަކޮށްފައެވެ. އެގޮތުން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ދައްލަތުގެ ބޭނުމަކަށް ނުވަތަ އާއްމުވެގެންވާ މަންފާއަކަށްޓަކައި މީހެއްގެ މިލްކެއް ނަގަންޖެހިއްޖެނަމަ، ނަގަންވާނީ ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމެއްގެ މައްޗަށް ބިނާކޮށްގެންކަން ބަޔާންކޮށްފައިވާއިރު ބަންޑާރަ ބިމަކީ މީހެއްގެ މިލްކަކަށް ނުވިނަމަވެސް ބަންޑާރަ ބިންތަކަކީ މީސް މީހުންގެ ކިބައިން ބަދަލު ދިނުމަކާއި ނުލައި ވަކިނުކުރެވޭނެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހައްގަކަށްވާތީ ގާނޫނީ ހަމަތަކުގެ މަތިން ބަޔަކަށް ދޫކޮށްފައިވާ ގޯތިތަކެއް އެމީހުންގެ ކިބައިން ވަކިކޮށް ދެވަނަ ފަހަރަށް ގުރުއަތުލައިގެން ދޭ ދިނުމަކީ ގާނޫނީ ނިޒާމުން ބޭރުން ކުރާ ކަމެއްކަމަށް ކޯޓު ހުކުމުގައިވެއެވެ.
އަދި މީގެ އިތުރުން ގާނޫނު ނަންބަރު 4/68ޖ. އާއްމު ގާނޫނުތަކެއްގެ 7 ވަނަ މާއްދާއަށް ބަލާއިރު ރައްޔިތުންގެ އާއްމު ވެގެންވަ ފައިދާއަށްޓަކައި ވެސް މީހުންގެ މިލްކު ރުއްގަސް، ދަނޑުބިން ގޮވެތި ގެދޮރު އަދި މީނޫންވެސް އެއްޗެއް ދަވްލަތަށް ނެގޭނީ އަދުލުވެރި ބަދަލުދިނުމަށް ފަހުގައިކަން އެގޭތީ ކައުންސިލްގެ އިންފްރާސްޓަރަކްޗާ ޑިޕާޓްމަންޓުން ހިތަދޫގެ ގޯތިނަގާފައިވާކަމަށް ބުނާ ބުނުމަކީވެސް ގާނޫނާއި ހިލާފް ބުނުމެއްކަމަށް ހުކުމުގައިވެއެވެ،
މި މައްސަލަ ކޯޓަށް އިބްރާހިމް ނަސީރު ހުށަހެޅުމާއި ގުޅިގެން ކައުންސިލުގެ ދިފާއީވަކީލު ބުނެފައިވަނީ މި މައްސަލައަކީ އިބްރާހިމް ނަސީރަށް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި މިކަމަކީ އިބްރާހިމް ނަސީރުއާއި ގުޅުމެއްވާ ކަމެއް ނޫންކަމަށެވެ.
ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ނަފީޒްގެ ހުކުމުގައި ބުނެފައިވަނީ އިބްރާހިމް ނަސީރު ކޯޓަށް ހުށަހެޅި މައްސަލައަކީ އިޖްތިމާއީ އަދި ފަރުދީ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ހުށަހެޅި ހުށަހެޅުމެއްކަމަށެވެ.
އަދި މިމަހުގެ 14 ވަނަދުވަހުގެ ރޭ 8:30 ގައި ބާއްވަން ނިންމާފައިވާ ނިންމުން ހުއްޓާލުމުގެ އަމުރު ކޯޓުން ބަލައިގަނެ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި ގާނޫނު ނަްނަބރު 4/68ޖ އާއްމު ގާނޫނުގެ 7 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 41 މާއްދާލެ (ލ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާތީ 25 ޑިސެމްބަރ 2013ގައި ކައުންސިލްގެ އިންފްރާސްޓަރަކްޗަރ ޑިޕަޓްމަންޓުން ކުރި އިއްލާނަކީ ބާޠިލް އިއްލާނެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.