Last Updated: June 27, 10:45
Saturday, June 27, 2026
ޚަބަރު

ސިއްރު ކުރާ ބައިތައް ސިއްރު ކުރުމަށްފަހު އިންކުއަރީ ރިޕޯޓް އާންމުކޮށްފި

އިންކުއަރީ ރިޕޯޓްގެ ބޭރުގަނޑު--

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގެ ސިއްރު ކުރަންޖެހޭ ބައިތައް ސިއްރު ކުރުމަށްފަހު އިންކުއަރީ ރިޕޯޓް އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ކޮމިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތާ ގުޅުންހުރި ބައިތައް ވަނީ ސިއްރު ކޮށްފައެވެ.

މި ރިޕޯޓް ފާސްކުރުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނި ނިންމާފައެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:00 ގައެވެ.

އިންކުއަރީ ރިޕޯޓު ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާ އެކުއެވެ. މީގެތެރޭގައި ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ ހުށަހެޅުންތަކެއް ވެސް ހިމެނެއެވެ.

އެގޮތުން ކޮމިޓީން ފާސްކުރި އެ ހުށަހެޅުންތަކުގެ ތެރޭގައި ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެއެވެ.

އަދި ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި އެ ޕްރޮސީޖާތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފައެވެ.

އަދި ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފައެވެ.