Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

ސަރުކާރުން ހިސާންގެ ދިފާއުގައި ވާހަކަ ނުދެއްކުމުން އީވާ ނުރުހުން ފާޅުކޮށްފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ސްޕޮންސާ ކުރި މެމްބަރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ދިފާއުގައި ސަރުކާރުން އެއްޗެއް ނުބުނެ އޮތުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން އީވާ ވިދާޅުވީ މިކަމަކީ ސަމާސާ ކަމެއްވެސް ނޫން ކަމަށާއި، އަދި މިއީ ސަކަރާތަކަށްވެސް ކުރާ ކަމެއްނޫންކަމަށެވެ.

އީވާ ވިދާޅުވީ މި ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއްކަމަށާއި، އަދި އެއަށްފަހު ބިލަށް ބޮޑު އިސްލާހެއް ހުށަހަޅާ ބިލުގެ މަފްހޫމުވެސް ބަދަލު ކުރީ ސަރުކާރުން ކަމަށެވެ. އަދި އަނެއްކާވެސް ބިލު އަނބުރާ ކޮމިޓިއަށް ފޮވުމަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެގޮތަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައި އޮތުމުން މި ބިލު މަޖިލީހަށް ހުށަހަޅާފައި މިވީ މުއްދަތުގައި ހާސިލުވީ އެންމެ ކަމެއް ކަމަށެވެ. އެ ކަމަކީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށް ލުން އެކަނިކަމަށް އީވާ ވިދާޅުވިއެވެ.

"ސަރުކާރުން ބިލެއް ހުށަހަޅާފަ، އެއްގޮތަކަށްވެސް އެވަރަށް އެކަމަނާއަށް ލާދީނީއަށް މަރަން ގޮވިއިރު އެންމެ ބޭފުޅަކުވެސް އެޓަރނީ ޖެނެރަލް ފިޔަވާ ދިފާއު ނުކޮށްދެއްވީމަ… އަޅުގަނޑުގެ ވެސް ހަމައެކަނި ހިތާމައަކީ، ބަސް ބުނާ މީހުންނަށް އަޅުގަނޑުމެންގެ އެތެރެއިންވެސް އަޅުގަނޑުމެންނަށް މިހެން ހަދާތީ. އަޅުގަނޑުމެންގެ އަމިއްލަ ޕާލިމެންޓަރީ ގްރޫޕްތެރެއިން އަޅުގަނޑުމެންނަށް މިހެން ހަދާތީ އަޅުގަނޑު ހިތާމަކުރަނީ." އީވާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމަށްފަހު، ސަރުކާރުގެ އެޓަރނީ ޖެނެރަލް ފިޔަވާ އެއްވެސް ބޭފުޅަކު ހިސާންގެ ދިފާއުގައި އެއްޗެއް ބުނެފައި ނުވާކަމަށް އީވާ ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅި ފަހުން ހިސާން އުޅެން ޖެހެނީ ވަށައިގެން ބޮޑީގާޑުން ލައިގެން ކަމަށާއި، އަމިއްލަ ގޭގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް ދިއުމަށްވެސް ބޮޑީގާޑުން ތިބޭކަމަށެވެ.