Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ބެލުންތެރިން ނުވައްދާ ޓޯކިއޯ އޮލިމްޕިކްސް ބޭއްވުމަށް ނިންމައިފި

ބެލުންތެރިން ނުވައްދާ ޓޯކިއޯ އޮލިމްޕިކްސް ބޭއްވުމަށް ނިންމައިފިއެވެ.

ޖަޕާނުގެ އޮލިމްޕިކްސް މިނިސްޓަރު ތަމަޔޯ މަރުކަވާ ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ސަރުކާރުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައިވުމާއެކު، ސަރުކާރާއި އޮލިމްޕިކްސް ހިންގާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މި އަހަރު އޮލިމްޕިކްސް އިވެންޓްތައް ބެލުމަށް މީހުންނަށް ޖާގަ ނުދީ ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. \

މި ނިންމުން ނިންމާފައިވަނީ މި ކަމާއިގުޅުން ހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވަނީ ބުނެފައެވެ. މިއީ ވަރަށް ދެރަވާ ކަމެއް ކަމަށާޢި މިއަހަރު އޮލިމްޕިކްސް ބެލުމަށް ވަނުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުން މާފަށް އެދޭ ކަމަށް ތަމަޔޯ ވަނީ ބުނެފައެވެ.

އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 8 ގެ ނިޔަލަށެވެ.

ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން އޮގަސްޓް 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖަޕާނުގެ ޕްރައިމް މިނިސްޓަރު ޔޮޝިހިދޭ ސުގާ ބުނެފައިވާ ގޮތުގައި މުސްތަޤްބަލުގައި ޖަޕާނުގައި ކޮވިޑް އިތުރަށް ފެތުރިގެން ގައުމުގެ ހާލަތު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށްޓަކާ މިއަދު ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރުން ކޮންމެހެން މުހިއްމު ކަމެއް ކަމުގައި އޭނާ ދެކެއެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އޮލިމްޕިކް ގޭމްސްތައް ބެލުމަށް އެއްވެސް ބަޔަކަށް ޖާގަ ނުދިނުމަކީ ކޮވިޓް ފެތުރުން ހުއްޓުމަށް އެޅޭނެ ފިޔަވަޅެކެވެ.