ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގެ ސިއްރު ކުރަންޖެހޭ ބައިތައް ސިއްރު ކުރުމަށްފަހު އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މެންދަމުން އަލިވެ 03:50 ގައި ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ވޯޓުންނެވެ. އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ކުރިއަށްގެންދިޔަ ޖަލްސާ ދަންވަރާ އެއްކޮށް ކުރިއަށް ގެންގޮސްފައިވަނީ ކޮމިޓީ ރިޕޯޓް ބަހުސްގައި ބައިވެރިވެލައްވަން ބޭނުންވާ ހުރިހާ މެމްބަރުން ބަހުސްކޮށް ނިންމުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 46 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ. މީގެތެރޭގައި ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ ހުށަހެޅުންތަކެއް ވެސް ހިމެނެއެވެ.
އެގޮތުން ކޮމިޓީން ފާސްކުރި އެ ހުށަހެޅުންތަކުގެ ތެރޭގައި ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެއެވެ.
އަދި ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި އެ ޕްރޮސީޖާތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފައެވެ.
މީގެއިތުރުން ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފައެވެ.
އަދި ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފައެވެ.