Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

މާރިޔާ، "ޤާނޫނު ނުދަންނަ ކަމަށް" ބުނުން ޒިންމާދާރެއް ނޫން!

ޒިންމާދާރު މަގާމަކާއި ހަވާލުވެ ހުންނަ މީހެއްގެ ފަރާތުން ރައްޔިތުން އެންމެ އަޑުއެހުމަށް ބޭނުން ނުވާނެ އެއްޗަކީ, މަގާމުގެ މައްސޫލިޔަތުން ރެކުމަށް އެމީހަކު ދައްކާ އުޒުރުތަކެވެ. އަދި އެގޮތުން ދައްކާ ބަހަނާތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެކަންކަމެއް ނޫނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ހެދި އިންކުއަރީގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ފަރާތުން ފެނިގެންގޮސްފައިވަނީ މިފަދަ އުޒުރުތަކަކާއި ބަހަނާ ތަކެކެވެ.

ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެވުމާއެކު އެންމެ ފުރަތަމަވެސް ހާމަވި ކަމަކީ, އެމަނިކުފާނަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް މިނިސްޓަރު މާރިޔާ ދީދީއާ ހިއްސާކުރައްވާފައި އޮތްކަމެވެ. އަދި އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެއްވެސްކަހަލަ ފިޔަވަޅެއް އަޅާފައި ނެތުމެވެ. ފިޔަވަޅެއް ނޭޅި ތަނުގައި އެކަމަނާ އެމައުލޫމާތު ކަމާބެހޭ އިތުރު ފަރާތްތަކަށް ހިއްސާ ކޮށްފައި ނެތުމާއި, އެކަމުގެ "ބަހާނާ"ގެ ގޮތުގައި ދައްކާފައިވާ ވަހަކަތަކަކީ ޑިފެންސް މިނިސްޓަރެއްގެ ފަރާތުން ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

އެގޮތުން އިލިޔާސް ލަބީބް ހިއްސާ ކުރި މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރައްވާކަމަށް މާރިޔާ އިންކުއަރީގައި އެއްބަސްވެވަޑައިގެންފައިވާއިރު, މައުލޫމާތު ހިއްސާ ނުކުރި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ "ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ, އެކަން އަންގަންޖެހޭ ފަރާތަކީ ދިވެހި ފުލުހުންގެ ހިދުމަތް ކަމަށާއި, އެ މައުލޫމާތު އެކަމަނާއާ ހިއްސާ ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް" މިހެންނެވެ.

ރައީސް ނަޝީދަށް ސީރިއަސް ހަމަލާއެއް ދީފާނެކަމުގެ މައުލޫމާތު މެމްބަރަކު ކުރީބައިގައި ހިއްސާ ކުރުމުން އެމައުލޫމާތު އިތުރު ފަރާތްތަކަށް ދީފައިނުވަނީ, އެ "މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކުރުމަށް ޤާނޫނު އެކަމަނާއަށް ލާޒިމުކޮށްފައިނުވާތީ" ކަމަށް ވިދާޅުވެފައި އޮތުމަކީ ޑިފެންސް މިނިސްޓަރެއްގެ ފަރާތުން އެއްވެސް މީހަކު އަހަން ބޭނުންވާނޭ ޖަވާބެއް ނޫނެވެ.

މައުލޫމާތު ހިއްސާ ނުކުރީ އެކަން "ޤާނޫނު ނުދަންނާތީ" ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި ނަމަވެސް, ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގައި އޮތީ އެއާދިމާ އިދިކޮޅު ވާހަކައެކެވެ.

އެ ޤާނޫނުގައި ބުނެފައިވަނީ "އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާ ގުޅޭ މުހިންމު މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް، އެ މައުލޫމާތެއ، އެ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ތެރެއިން އެ މައުލޫމާތަކާ ގުޅުންހުރި އިދާރާއަކާ ހިއްސާކުރަންވާނެއެވެ." މިހެންނެވެ.

ރާއްޖޭގެ ދިފާއީ ބާރުގެ އެންމެ އިސް އެއްފަރާތުގެ ގޮތުގައި ހުންނަވާ ޑިފެންސް މިނިސްޓަރަކީ ރައްޔިތުންނާއި ޤައުމުގެ ދިފާއުގައި މަސައްކަތް ކުރައްވަން ޖެހޭ ފަރާތަކަށް ވީއިރު، ކަމެއް ހިއްސާކުރުމަށް ކުރާ ފޯން ކޯލަކީ ލިބޭ މައުލޫމާތެއްގެ ގޮތިގައި ނުދެކޭކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވުމަކީ ހިތާމަ ކުރަންޖެހޭކަމެކެވެ.

"ހުޅުދޫ ދައިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ." ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ލިބުނު މައުލޫމާތާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މަޖިލީހުގެ އިންކުއަރީގައި ދައްކަވާފައިވަނީ "ބަހަނާ"ތަކެއްކަން މި ވާހަކަތަކަށް ބެލުމުން އަދި ރިޕޯޓްގައި ހުރި އިތުރު ކަންކަމަށް ބެލުމުން ސާފުވެއެވެ. މިއީ މި ގައުމު މިހާރު އޮތް ހާލަތުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ފަރާތުން ރައްޔިތުން އެއްވެސް ވަރަކަށް ޤަބޫލުކުރާނޭ ކަންކަމެއް ނޫނެވެ.

މިނިސްޓަރު މާރިޔާ ދައްކަވާފައިވާ ވާހަކަތަކުން އެނގެނީ އެކަމަނާއަށް ލިބިހުރި މައުލޫމާތުތަކެއް ނުލިބޭކަމަށް ހައްދަވައިގެން ހުންނެވިކަމަށެވެ. އެކަމުގެ ނަތީޖާ މިފަހަރު ފެންނަން އޮތީ ވަރަށް ވެސް ހިތިކޮށެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރެކޮމެންޑޭޝަންސް ސަރުކާރުން ބަލައިގަނެ އަވަސް ފިޔަވަޅު އެޅުއްވުން މުހިންމެވެ.