ޑިފެންސް މިނިސްޓަރުގެ މަގާމަށް މާރިޔާ ދީދީ ކުފޫ ހަމަނުވާކަން ހާމަވާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓަށް މަޖިލީހުގައި ރޭ ދަންވަރު ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މުޅި ރިޕޯޓަށް ބެލުމުންވެސް ފާހަގަވި އެންމެ މުހިންމު އެއްކަމަކީ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންކުއަރީއަށް ދެއްވާފައިވާ މައުލޫމާތުތައް ކަމަށެވެ.
ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު ހިއްސާކުރުމަށް މެމްބަރު އިލިޔާސް ލަބީބްގެ ފަރާތުން ލިބުނީ ފޯން ކޯލެއްކަމަށް މިނިސްޓަރު މާރިޔާ ކޮމިޓީގައި ބުނެފައިވާއިރު އެއީ މައުލޫމާތެއް ނޫންކަމަށް މިނިސްޓަރު މާރިޔާ ކޮމިޓީގައި ވިދާޅުވެފައިވާކަން އުޝާމް ފާހަގަކުރެއްވިއެވެ.
"އިއްޒަތްތެރި ރައީސް މިއީ ކޮންކަހަލަ ވާހަކައެއްތޯ؟ މިއީ ކޮންކަހަލަ ޒިންމާދާރުކަން ކުޑަ ވާހަކައެއްތޯ؟" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މާރިޔާ ދައްކަވާފައިވާ ވާހަކަތަކަކީ ޤައުމެއްގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަ ފަރާތަކުން ދައްކަންވާނެފަދަ ވާހަކަ ނޫންކަމަށެވެ.
241 ކޮމިޓީގައި ދައްކަވާފައިވާ އެ ވާހަކައިން އެކަނިވެސް ޑިފެންސް މިނިސްޓަރު މާރިޔާ ޤާނޫނާ ހިލާފުވެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށްވެރިވެފައިވާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ޑިފެންސް މިނިސްޓަރުގެ މަގާމަށް މާރިޔާ ކުފޫ ހަމަނުވާކަން ހާމަވާކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އަދި މިހިސާބަށް ކަންކަން ގޮސްފައި އޮތުމުން މާރިޔާ މަގާމުން އިސްތިއުފާ ދޭންޖެހޭކަމަށާއި، ސަރުކާރުން ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރަންޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މިވަރުގެ ކަންކަން ހިނގާދިއުމުން ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން ޒިންމާ ނަގަންޖެހޭނެކަމަށާއި، ފިޔަވަޅު އަޅަންޖެހޭ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. އެހެންނޫންނަމަ ރައްޔިތުންގެ މަޖިލީހުން މިފަދ ބުރަ މަސައްކަތްތަކެއް ކުރުމުގެ ހަގީގީ މަގުސަދު ހާސިލު ނުވާނެކަމަށް އުޝާމް ވިދާޅުވިއެވެ.