Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

ނަޝީދަށް އިންޒާރު ލިބުމުން އަޅާނުލީތީ ލަދުވެތިވަން: ވައްޑޭ

އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުހައްމަދު ނަޝީދަށް ލިބުނު އިންޒާރުތަކަށް އެމްޑީޕީގެ ވެރިކަމުން އަޅާނުލީތީ ލަދުވެތިވާކަމަށް އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓަށް ރޭ ދަންވަރު ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވާ ވައްޑޭ ވިދާޅުވީ، އިންކުއަރީ ރިޕޯޓް މަޖިލީހުން ނިންމާފައިވާކަމަށެވެ. އަދި ރައީސް ސޯލިހް މިކަމާދޭތެރޭ އަޅުއްވާނީ ކޮން ފިޔަވަޅުތަކެއްތޯ؟ ވައްޑޭ ސުވާލު އުފައްދަވާފައިވެއެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން، އަޅުގަނޑުމެންގެ ވާދަވެރި ޕީޕީއެމުން މިކަމަށް ދެއްވިވަރަށް ވުރެއް ތަންކޮޅެއް ބޮޑު ޝައުގުވެރިކަމެއް ދެއްވަން ވެއްޖޭ މިކަމަށް. އެމްޑީޕީގެ ވެރިކަމެއްގައި 2019 އިން ފެށިގެން ރައީސް ނަޝީދާއި ދޭތެރޭގައި މި ލެވެލްގައި، ތަކުރާރުކޮށް އިންޒާރުތައް އަންނަމުން އައި އިރުގައި އަޅާނުލާ ތިބީތީ ލަދުވެތިވަން އިއްޒަތްތެރި ރައީސް." ވައްޑޭ ވިދާޅުވިއެވެ.

މިފަދަ ހަމަލާތައް ދިނުމަށް މެދުވެރިވާ އެއްސަބަބަކީ މީހުންނާއި މެދު ނަފުރަތު އުފެއްދުންކަން ފާހަގަކޮށް ވައްޑޭ ވިދާޅުވީ، އެކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ބިލެއް މަޖިލީހަށް ހުށަހެޅުމުން އެބިލާއި މެދު އަމަލު ކުރެވުނު ގޮތުން، މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓްގައި ހުރި ރެކޮމެންޑާޝަންތަކާއި ފާހަގަކުރެވިފައި ހުރި ކަންކަން އިހްލާސްތެރިކަމާއެކު ތަންފީޒު ކޮށްދޭނެ ކަމާމެދު ސުވާލު އުފެދޭކަމަށެވެ.

އެހެންކަމުން ރިޕޯޓްގައި ހުރިކަންކަން ތަންފީޒު ކުރޭތޯ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެކަމަށާއި، ރިޕޯޓް ނިންމާލުމަށްފަހު ފަރު ޖައްސާލައިގެން ނުވާނެކަމަށް ވައްޑޭ ވިދާޅުވިއެެވެ. އަދި މިކަންކަމަށް ސަރުކާރުން ފިޔަވަޅު އަޅާކަން ކަށަވަރުކުރުމަށް މަޖިލީހުން ދެމި ތިބެންޖެހޭނެކަމަށެވެ.