Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

އައްޑޫގައި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ހުއްދަ ދީފި

ބޭރުމަތި އާއި އެފްސީ އަފިރިން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ކޮޒްމިކް ކެޕްޗާސް

އައްޑޫ ސިޓީގައި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމަށ،ް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް މެންދުރު 15:00 އިން ހަވީރު 18:00 ގެ ނިޔަލަށް ކުޅިވަރު ކުޅޭ ތަންތަނުގައި ތިބެ ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ހުއްދަ ދިން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން މިއަދުން ފެށިގެން އައްޑޫގެ ކެފޭ، ރެސްޓޯރެންޓުތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. އެ ހިދުމަތް ދެވޭނީ ހެނދުނު 8 އިން ހަވީރު 6 ޖެހުމާ ހަމައަށެވެ. އަދި ރޭގެ ފަތިސް ނަމާދުން ފެށިގެން ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

އަދި ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަނުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެނދުނު 8 އިން ހަވީރު 6 ޖެހުމާ ހަމައަށް ހިދުމަތް ދިނުމަށް ވެސް ވަނީ ހުއްދަ ދީފައެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.