Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

މަހުލޫފް މައްސަލައިގައި ޕީޖީއަށް އަދިވެސް ގޮތެއް ނުނިންމޭ

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މަހްލޫފުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ފޮނުވުމުން، އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންވާ ކަންކަމުގައި މައުލޫމާތު ސާފުކުރުމަށްފަހު ޕީޖީން ބުނެފައިވަނީ މި ނިމުނު ހަފްތާ ނިމުމުގެ ކުރިން އެ މައްސަލައިގައި ގޮތެއް ނިންމާނެކަމަށެވެ.

އެކަމާ ގުޅިގެން "އައްޑޫލައިވް"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމޭ ކަމަށެވެ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެކަމަށް ކުރިން ބުނެފައިވާ ތާރީހަކީ ނިމުނު ހަފްތާގެ ނިޔަލަށް ކަމަށްވުމުން، ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ ސީދާ ދުވަހެއް ބުނަން ދަތި ކަމަށްވެސް ބުނެފައިވެއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ކުރުމަށް ފިނުވުމާއި ގުޅިގެން މަހުލޫފް ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ އޭނާއާ ދެކޮޅަށް އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން ބޮނޑިއެއް ދޭން ކުރިކަމެއްގެ ގޮތުގައެވެ.