Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

އިންޑިއާއިން ރާއްޖޭގައި 6000 ހައުސިން ޔުނިޓް އަޅަނީ

އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި 6000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވެއްޖެއެވެ.

"ދަ ޓައިމްސް އޮފް އައްޑޫ"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއު އެއްގައި ސަފީރު ސަންޖޭ ސުދީރް ވަނީ އިންޑިއާއިން ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކާއި އަދި ކުރިއަށް ގެންދަމުން އަންނަ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ވީއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކަން ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި އަތްފޯރާފަށުގެ 6000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަމަށެވެ.

އޭގެތެރެއިން 4000 ހައުސިން ޔުނިޓަށް ބޭނުންވާ ފައިނޭންސް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އަދި ބާކީ 2000 ހައުސިން ޔުނިޓްގެ ފައިނޭންސް ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާކަމާއި އެ މަސައްކަތްވެސް ފެށޭނެކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް:

އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ހިނގަމުން އަންނައިރު، އެކަންކަމާއި ގުޅިގެންވެސް ސަފީރު ސަންޖޭ ސުދީރް "ދަ ޓައިމްސް އޮފް އައްޑޫ"އަށް މައުލޫމާތު ދެއްވާފައިވެއެވެ.

އެގޮތުން އައްޑޫގައި ހިންގަމުން އަންނަ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން ސަފީރު ވިދާޅުވީ، އައްޑޫ މަގުހެދުމުގެ މަޝްރޫއުއާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަމުން އަންނަކަމަށެވެ. އަދި އިތުރު މަޝްރޫއުތައް ވެސް ކުރިއަށް އޮތް ދެމަހެއްގެ ތެރޭހައި ފެށޭނެކަމަށް ވިދާޅުވިއެެވެ.

މީގެ އިތުރުން 34 ރަށުގެ ނަރުދަމާ މަސައްކަތުގެ ސާވޭ މަސައްކަތް ކުރިއަށް ދަމުން އަންނަކަމަށާއި، ތިލަމާލެ ބްރިޖް މަސައްކަތް، މިފްކޯގެ ފެސިލިޓީ ބޮޑުކުރުމުގެ މަސައްކަތް އަދި ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.