Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

ރަސްމީ ކޮށް ރިޕޯޓް އަދި ނުލިބޭ، އާންމު ކޮށްފަ އޮތް ރިޕޯޓް އެބަ ބަލަން: މަބްރޫކް

އިންކުއަރީ ރިޕޯޓްގެ ބޭރުގަނޑު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް އަދި ރައީސުލްޖުމްހުރިއްޔާ އަށް ނުލިބޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

46 ރެކޮމެންޑޭޝަނާއި އެކު ފާސްކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހުރި ޤައުމީ ސަލާމަތާއި ގުޅުންހުރި ބައިތައް ސިއްރުކުރުމަށްފަހު އެ ރިޕޯޓް އާންމުކޮށްފައިވާއިރު، މުޅި ރިޕޯޓް ހިއްސާ ކުރާގޮތަށް ހަމަޖެހިފައިވަނީ ތިން ބާރުގެ ވެރިންނަށެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކާއިމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން "އައްޑޫލައިވް"އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް އަދި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ނަމަވެސް، މަޖިލީހުން ޢާންމުކޮށްފައިވާ ރިޕޯޓް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދިރާސާ ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓްގައި ރެކޮމެންޑް ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެއެވެ.

އަދި ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި އެ ޕްރޮސީޖާތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފައެވެ.

އަދި ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފައެވެ.