Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

ކާނަލް ނާޒިން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއި ހަމަކޮށްފި

މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާ 3000 މެމްބަރުންގެ ސޮއި ހަމަކޮށްފިއެވެ.

މިހާރު ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކާނަލް ނާޒިމް ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމަވާ ސޮއި ހަމަކޮށްފައިވާއިރު، ކާނަލް ނާޒިމާއެކު މަޖިލީހުގެ އިތުރު ހަތަރު މެމްބަރަކުވެސް އެ ޕާޓީއަށް ސޮއި ކުރައްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ސާފެއް ނުވެއެވެ.

ނާޒިމްގެ ސިޔާސީ ޕާޓީ ވުޖޫދަށް އައިސްފި ނަމަ، އެ ސިޔާސީ ޕާޓީ ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގައި ތިން ވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓިއަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ 65 މެމްބަރުންނާއި އެކު އޮތީ އެމްޑީޕީގައެވެ. ޕީޕީއެމްގެ ހަ މެމްބަރުން ތިބިއިރު ޕީއެންސީގެ 3 މެމްބަރުން ނާއެކު އެ ކޯލިޝަންގައި ތިބީ ޖުމުލަ 9 މެމްބަރުންނެވެ. ޖޭޕީން ނާޒިމް އަދި ރިޔާޒް ނިކުމެ ވަޑައިގަތުމުން މަޖިލީހުގައި ޖޭޕީ ތަމްސީލު ކުރާ މެމްބަރުންގެ އަދަދު ތިނަކަށް ވެއްޓޭނެއެވެ.