Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޓެކްސް މާފުކުރުމުގެ ބާރު ރައީސަށް ދޭ ވޯޓުގައި ބައިވެރިނުވީ ގަސްތުގައި: ދޮންބިލެތް

މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ނުނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގެނައި އިސްލާހް ފާސްކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓުގައި ބައިވެރިނުވީ ގަސްތުގައިކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެމްބަރު މުހައްމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

އޭނާ މި ގޮތައް ވާހަަކަ ދެއްކެވީ އެމްޑީޕީގެ އެކްޓިވްސް ހިމެނޭ ކްލަބް ހައުސް ގުރޫޕެއްގައި ރޭ ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ. އެ ޕާޓީގެ އާއްމު ބައެއް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީމް ވިދާޅުވީ ޓެކްސް މާފްކުރުމުގެ ބާރު ރައީސަށް ދޭން އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެންވެ ވޯޓު ގަޑީގައި މަޖިލިސް ތަޅުމަށް ވަޑައިނުގެން މަޖިލިސް ކުޑަދޮށުގައި މަޑު ކުރެއްވީ ކަމަށެވެ. ދޮންބިލެތް ވިދާޅުވި ގޮތުން އޭނާއާއެކު މަޖިލިސް ބޭރުގައި އެ ގަޑީގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު(ހަސަންޓޭ)ވެސް މަޑުކުރެއްވި ކަމަށެވެ.

ހަލީމް އެ ވާހަކަ އާއްމު މެމްބަރުންނާ ހިއްސާ ކުރެއްވީ އޭނާ ހުންނެވީ ރައީސް ސޯލިހު ފަޅީގައި ނޫންކަން އަދި ރައީސް މުހައްމަދު ނަޝީދާއެކުކަން ސާބިތުކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

"އަޅުގަނޑުުމެންނާއި ޕީޕީއެމް ބަޔަކު ނުވަނީ. ހަސަންޓޭވެސް ނުވަދޭ" ރައީސަށް ޓެކްސް މާފުކުރުމުގެ އިހްތިޔާރު ލިބިދޭ ވޯޓުގަޑީގައި ކަންތައް ކުރިގޮތް ކިޔާ ދެއްވަމުން ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެ ބިލަށް ވޯޓަށް އެހިގަޑީގައި ތަޅުމަށް ނުވަންނަވާ އެގޮތައް ކަންތައް ކުރެއްވީ ސަރުކާރުން ހުށައަޅުއްވާ ބިލަކަށް ސީދާ ވޯޓު ނުދޭނަމޭ ވިދާޅުވާން ކެރިވަޑަައިނުގެންނަވައިގެންނެވެ.

"ނުކެރޭނެ ދޯ ސީދާ ވޯޓު ނުދޭނަމޭ ބުނާކަށް ސަރުކާރުން ހުށައަޅާފައި އޮތް ބިލަކަށް،" އޭނާ ވިދާޅުވި އެވެ.

އެގޮތައް ކަންތައް ކުރެއްވީމާވެސް ދެން އެ ވޯޓު ނެގުނީ ކިހިނެތްތޯ އާއްމުންގެ މީހަކު ސުވާލުކުރުމުން ހަލީމް ވިދާޅުވީ އެކަން ކުރީ ޕީޕީއެމްގެ މެމްބަރުންނަށް އެމްޑީޕީގެ ބައެެއް މެމްބަރުން ގުޅުއްވައި ގެންނަވައިގެން ކަމަށެވެ.

ޓެކްސް މާފު ކުރުމުގެ އިހްތިޔާރު ލިބިދޭ ބިލް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން ފުރަތަމަ ތާވަލުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ނަމަވެސް އެ ބިލު ފާސްވިޔަ ނުދޭން އެމްޑީޕީގެ ބައެއް މެމްބަރުން އެ ގަޑީގައި މަޖިލީހުގެ ތަޅުމަށް ވަޑައިނުގެންނެވުމުން ކޯރަމް ހަމަނުވެގެން ވޯޓަށް ނޭހުނެވެ.

އެހެން ނަމަވެސް އެ ބިލަށް ވޯޓަށް އަހަން ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އަލުން އެޖެންޑާކުރުމުން އެ ބިލް ފާސްކުރީ 40 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ފަހަރުވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓުގައި ބައިވެރިވަޑައިނުގަންނަވަ އެެވެ. އެ ދެފަހަރުވެސް ވޯޓުގައި ތަޅުމަށް ވަޑައިނުގެންނެވި މެމްބަރުންގެ ތެރޭގައި ހަލީމް ހިމެނެ އެެވެ.